ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މިހާތަނަށް 17.0 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް، މާލީ ވުޒާރާއިން މިއަދު ބުނެފިއެވެ.
މި އަދަދުގައި 12 ޖޫން 2024 ގެ ނިޔަލަށް ލިބުނު ފައިސާ ހިމެނޭއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.0 އިންސައްތައިގެ ކުރިއެރުމެކެވެ.
މާލީ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމެވެ. ޓެކުހުގެ އާމްދަނީ 13.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޚާއްސަކޮށް ގްރީން ޓެކުހާއި، އެއާޕޯޓް ސަރވިސް ޗާޖު، އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިންގެ އަދަދު 9 އިންސައްތައިން އިތުރުވެ، މިހާތަނަށް 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާތީއެވެ.
ފަތުރުވެރިންގެ އަދަދު އިތުރުވުމުގެ ސަބަބުން، ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރި ފައިސާވެސް 42.9 އިންސައްތައިން އިތުރުވެފައިވެއެވެ. މާލީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، ޓެކުހުގެ ރޭޓްތަކަށް ގެނެވުނު ބަދަލުތަކުން ފަތުރުވެރިކަމަށް ނޭދެވޭ އަސަރެއްކޮށްފައެއް ނުވެއެވެ.
އާމްދަނީ އިތުރުވުމުގެ އިތުރުން، ދައުލަތުގެ ޚަރަދު ކުޑަކުރުމުގައިވެސް ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ވަނީ ފެނިފައެވެ. މިހާތަނަށް ދައުލަތުން ޖުމްލަ 20.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 8.7 އިންސައްތަ ދަށް އަދަދެކެވެ. މިކަމުގެ ތެރެއިން ރިކަރަންޓް ޚަރަދު 5.3 އިންސައްތައިން ދަށްކުރެވިފައިވާ އިރު، ކެޕިޓަލް ޚަރަދު 72.1 އިންސައްތައިން ވަނީ ދަށްކުރެވިފައެވެ.
ޚާއްސަކޮށް އިދާރީ ހިންގުމުގެ ޚަރަދުތައް، އޭގެ ތެރޭގައި ތަކެތި ހޯދުމުގެ ޚަރަދު 71.5 އިންސައްތައިންނާއި ދަތުރުފަތުރުގެ ޚަރަދު 17.2 އިންސައްތައިން ވަނީ ދަށްވެފައެވެ. މިކުރިއެރުންތައް ހާސިލްވެފައިވަނީ، ސަރުކާރުން މިހާރު ގެންގުޅުއްވާ ޚަރަދު ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކާއި، ބަޖެޓް މެނޭޖްމަންޓްގެ އުސޫލުތައް ހަރުދަނާކޮށްފައިވާތީ ކަމަށް މާލީ ވުޒާރާއިން ބުނެފަވެއެވެ.
ދައުލަތުގެ ދަރަނި އަދާކުރުމަށް މިދިޔަ އަހަރަށްވުރެ 1.8 ބިލިއަން ރުފިޔާ އިތުރަށް ހޭދަކޮށް، ޖުމްލަ 5.1 ބިލިއަން ރުފިޔާ ވަނީ އަދާކޮށްފައެވެ. މި ހޭދަތައް އިތުރުވި ނަމަވެސް، ޚަރަދު ހިފެހެއްޓުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ދައުލަތުގެ ބަޖެޓުގެ އޯވަރއޯލް ބެލެންސް ވަނީ 1.3 ބިލިއަން ރުފިޔާގެ ސަރޕްލަސްއަކަށް އަރައިފައެވެ.
މި ނަތީޖާއިން ދައްކައިދެނީ، އާމްދަނީ އިތުރުކުރުމާއި ޚަރަދު ކޮންޓްރޯލް ކުރުމުގެ ސަރުކާރުގެ މަސައްކަތްތައް ކާމިޔާބު ކަމާއެކު ކުރިއަށްދާކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!