ފަލަސްތީނުގެ ޣައްޒާގައި އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތުގައި އުޅެނިކޮށް އިސްރާއީލުން ހަމަލާދީ ޒަޚަމްކޮށްލި ފަލަސްތީނުގެ 13 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.

އިންސާނީ އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތުގައި އުޅެނިކޮށް އިސްރާއީލު ސިފައިން ބަޑިޖަހައި ޒަޚަމްކޮށްލުމުން ފަލަސްތީނުގެ އުމުރުން 13 އަހަރުގެ އަބުދުއްރަޙްމާން ވަނީ ހޮސްޕިޓަލަށް ގެންގޮސް ޒަޚަމްތަކަށް ފަރުވާދޭން ފަށާފައެވެ.

Ad
rt

އދ.ގެ ޔުނިސެފްގެ ޓީމަށް ވަނީ އަބުދުއްރަހްމާން ހޮސްޕިޓަލްގައި އޮއްވާ ބައްދަލުވެފައެވެ. އެއިރު އެޑްމިޓްކޮށްގެން އެ ކުއްޖާ އަށް ދިޔައީ ފަރުވާދެމުންނެވެ. ޔުނިސެފްގެ ވީޑިއޯއަކުން ވަނީ އަބުދުއްރަހްމާނަށް ފަރުވާދެމުން ދަނިކޮށް ދައްކާފައެވެ.

ޔުނިސެފުން ބުނިގޮތުގައި އެ ޖަމިއްޔާގެ ވީޑިއޯއިން ފެނުނު އުމުރުން 13 އަހަރުގެ އަބުދުއްރަހްމާނަކީ ގާޒާ ސްޓްރިޕްގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅެނިކޮށް އިސްރާއީލީ ހަމަލާއަކުން ލިބުނު ނުރައްކާތެރި އަނިޔާތަކަށް ފަރުވާދެމުންދިޔަ ކުއްޖެއެވެ. އެ ކުއްޖާ ނިޔާވިކަމުގެ ހިތާމަވެރި ޚަބަރު މި ހަފުތާގެ ކުރީކޮޅު ލިބިފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ޔުނިސެފުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ޣާއްޒާގެ ކުޑަކުދިން ދުވަހުން ދުވަހަށް ކުރިމަތިލާންޖެހެނީ ފެނުގެ ދަތިކަމާއި، ބަނޑުހައިހޫނުކަމާއި، އަދި ވަކި ބަޔަކަށް އަމާޒުނުކޮށް ދެމުންގެންދާ ހަމަލާތަކާ ފަދަ ހިތްދަތި އަދި ނުރައްކާތެރި ހާލަތްތަކާއެވެ. މި ކަންކަމަކީ ކުޑަކުދިންގެ ހިތްތަކަށް ގެނެވޭނެ ފަދަ ކަންކަމެއް ނޫންކަމަށް ޔުނިސެފުން ބުނެފަވެއެވެ.

އަބްދުއް ރަޙްމާނަކީ އޭނާގެ ޢާއިލާއަށް ކާބޯތަކެތި ހޯދުމަށްޓަކައި މަސައްކަތްކުރަމުން ދިޔަ ކުއްޖެކެވެ. އެހެންނަމަވެސް، އެންމެ 13 އަހަރުގެ ޅަ އުމުރުގައި، އޭނާގެ ފުރާނަ ދޫކޮށްލަން މަޖުބޫރުވީއެވެ.

ޣާއްޒާގެ ކުޑަކުދިންނަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ އަސާސީ ބޭނުންތަކެވެ. އޭގެ ތެރޭގައި ކާނާ، ސާފު ބޯފެން، ބޭސްފަރުވާ އަދި ރައްކާތެރިކަން ހިމެނެއެވެ. ނަމަވެސް، މި ހުރިހާ ކަމަކަށްވުރެ މުހިންމު އެއް ކަމަކީ ހަނގުރާމަ ވަގުތުން ހުއްޓާލުމެވެ. މިއީ އެ ކުދިންގެ އެންމެ ބޮޑު އެދުމެވެ.