އިސްރާއީލުގައި ބޭރުގެ ނޫސްވެރިން ތިބި ތަންތަން އަންގަން އެންގުމަށާއި، އެއްވެސް ބްރޮޑްކާސްޓެއް ކުރުމުގެ ކުރިން އަސްކަރިއްޔާގެ ހުއްދަ ހޯދަން އެންގި ސަބަބު ސާފުކޮށްދިނުމަށް އެ ގައުމުގެ އެޓާނީ ޖެނެރަލް ގަލީ ބަހަރަވް-މިއާރާ ކަމާބެހޭ ދެ މިނިސްޓަރުންނަށް އަންގައިފިއެވެ.
އިސްރާއީލް ހާރެޓްޒް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ އެޓަރނީ ޖެނެރަލް ވަނީ ޤައުމީ ސަލާމަތާބެހޭ މިނިސްޓަރ އިތަމާރު ބެން-ގްވިރު އަދި މުވާސަލާތާބެހޭ މިނިސްޓަރ ޝްލޮމޯ ކަރްހީއަށް، ބޭރުގެ ނޫސްވެރިންނާ ގުޅޭގޮތުން އެންގި އެންގުންތައް އިތުރަށް ސާފުކޮށްދިނުމަށް އަންގަވާފައެވެ.
މި އެންގުންތަކުގައި ހިމެނެނީ ހަނގުރާމައިގެ ދުވަސްވަރު އިސްރާއީލުން އެއްވެސް ބްރޯޑްކާސްޓެއް ކުރުމުގެ ކުރިން އިސްރާއީލުގެ އަސްކަރީ ސެންސަރުގެ ހުއްދަ ހޯދުމަށާއި، ބޭރުގެ ނޫސްވެރިން ތިބި ތަން ހާމަކުރުމަށެވެ.
ހާރެޓްޒް ނޫހުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ބެން-ގްވިރު އަދި ކަރްހީ ވަނީ އެޓަރނީ ޖެނެރަލް ގަލީ ބަހަރަވް-މިއާރާއަށް ޖަވާބުދެމުން، އެޓާނީ ޖެނެރަލް އުޅުއްވަނީ އެ ދެ މިނިސްޓަރުންގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް ކަމަށް ތުހުމަތުކޮށްފައެވެ. އަދި "ދައުލަތުގެ ސަލާމަތަށް ނޭދެވޭ އަސަރުކުރާ މިންވަރަށް" އެޓާނީ ޖެނެރަލްގެ ‘’އުނދަގޫ’’ބޮޑުވެފައިކަމަށް ހައްދު ފަނައަޅާފައިވާ މިނިސްޓަރު ބެން-ގްވިރު ވަނީ ބުނެފައެވެ.
މިއަދު ކުރީކޮޅު ނެރުނު ބަޔާނެއްގައި މި ދެ މިނިސްޓަރުން ބުނެފައި ވަނީ ހުއްދައެއް ނެތި ހަނގުރާމައިގެ ސަރަޙައްދުތަކުން ނުވަތަ މިސައިލް އަމާޒުކުރެވިފައިވާ ސަރަޙައްދުތަކުން ބްރޯބްރޯޑްކާސްޓްކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި އަދި ސެންސަރޝިޕްގެ ގަވާއިދުތަކާ ޚިލާފުވުމުގެ ގޮތުގައި ބެލެވޭނެ ކަމަށެވެ.
ހަނގުރާމާގައި ލިބޭ ގެއްލުންތައް ފޮރުވައި އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުން ފޮރުވަން އިސްރާއީލުން މަސައްކަތްކުރާކަމަށް އަޑު ފެތުރިފައި ވަނިކޮށް މި ދެ މިނިސްޓަރުންގެ މި އެންގުމުން ވެސް އިސްރާއީލުން އުޅެނީ ލިބޭ ގެއްލުން ފޮރުވަންކަން އެނގިގެންދާކަމަށް މަޝްރަޙް ދިރާސާކުރާ މީހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!