އިސްރާއީލުގެ ހަމަލާތަކުން ޣައްޒާގެ އެކި ސަރަޙައްދުތަކުގައި މިއަދު ވެސް ގިނަ އަދަދެއްގެ މީހުން ޝަހީދުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އިސްރާއީލުން ދަނީ އީރާނަށް ދެމުންދާ ހަމަލާތަކާއެކު، ޣައްޒާގެ ފަލަސްޠީނުގެ ރައްޔިތުންނަށް ވެސް އަނިޔާވެރިވަމުންނެވެ.

Ad
rt

މިއަދު ޣައްޒާގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލުގެ ހަމަލާތަކުން ޝަހީދުވި މީހުންގެ އަދަދު 73 އަށް އަރާފައިވާ ކަމަށް މިހާތަނަށް ރިޕޯޓްތައް ބުނެއެވެ.

ނުސައިރާތުގައި ހުންނަ އަލް-އައުދާ ހޮސްޕިޓަލުގެ ޞިއްޙީ މަޞްދަރަކާއި ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާގޮތުގައި، ނެޓްޒަރިމް ކޮރިޑޯ ކައިރީގައި އިންސާނީ އެހީ ލިބިގަތުމަށް މަޑުކޮށްގެން ތިބި މީހުންނަށް އިސްރާއީލު ސިފައިން އަމާޒުކޮށް ހަމަލާދިނުމުގެ ސަބަބުން 35 މީހުން ޝަހީދުވެ، އަދި އެތައް ބަޔަކު ޒަޚަމްވިއެވެ.

މީގެ އިތުރުން، މެދު ޣައްޒާގެ ދައިރް އަލް-ބަލަޙްގެ ހުޅަނގު ފަރާތުގައި ހުރި ގެއަކަށް އިސްރާއީލުގެ ޖެޓް މަތިންދާބޯޓުތަކުން ބޮން އެއްލުމުގެ ސަބަބުން މަދުވެގެން 8 މީހުން ޝަހީދުވެ، އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ވަނީ ރިޕޯޓުތައް ބުނެއެވެ.

ހުކުރު ދުވަހު އިސްރާއީލު ސިފައިންގެ ހަމަލާތަކުން މަދުވެގެން 70 ފަލަސްޠީންގެ ރައްޔިތުން ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހޮސްޕިޓަލްތަކުން ވަނީ ހާމަކޮށްފައެވެ.

މޭ 27 ގައި ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން އެހީ ބެހުން ފެށި ފަހުން، އެހީ ލިބިގަތުމަށް އައި ބަނޑުހައިވެފައިވާ ފަލަސްޠީނުންނަށް އިސްރާއީލުން ދިން ހަމަލާތަކުގައި އެތައް ސަތޭކަ މީހުން ޝަހީދުވެފައިވާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ. އެހީ ތަކެތި ބެހުމަށް ހަވާލުކޮށްފައިވާ، އިސްރާއީލާއި އެމެރިކާގެ އެހީތެރިކަން ލިބިފައިވާ މި ސިއްރު ޖަމާޢަތް، ޣައްޒާގައި އެހީ ތަކެތި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމުގައި "ނާކާމިޔާބުވެފައިވާ" ކަމަށް ބުނެ އދ. އިން ވަނީ ފާޑުކިޔާފައެވެ.

މާރޗް މަހުގެ ކުރީކޮޅުން މޭ މަހުގެ ފަހުކޮޅާ ހަމައަށް އިސްރާއީލުން ފުރިހަމަ ބްލޮކޭޑެއް އަޅުވާފައިވުމުގެ ސަބަބުން، ޣައްޒާގެ މުޅި އާބާދީއަށް ބަނޑުހައިހޫނުކަމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް އެހީދޭ އޭޖެންސީތަކުން ވަނީ އިންޒާރުދީފައެވެ.