މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނިޝިއޭޓިވްގެ 7 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޔޫ.އޭ.އީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ރާއްޖެ ވަޑައިގެންފިއެވެ.
ޖޫން 18 އިން 19 އަށް ކުރިއަށްދިޔަ މި ސަމިޓުގެ އިފްތިތާޙީ ސެޝަން އަދި ކޮމިޓީ ބައްދަލުވުމުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގެން، ސައިބަރ މަންސަތަކުގައި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ގަނާކުރުމުގެ ޢަމަލުތަކާއި، ކުޑަކުދިންގެ ޢަދުލު، އަދި ކާބޯތަކެތީގެ ރައްކާތެރިކަން ފަދަ މުހިންމު މައުޟޫތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.
އެކަމަނާގެ ވާހަކަފުޅުގައި، "އޮންލައިން މަންސަތަކުގައި ކުރާ މަލާމާތާއި ފުރައްސާރަ، އަދި ކުޑަކުދިންގެ ކިބައިން ނަހަމަ ފައިދާ ހޯދުމަށް އެކުދިންގެ މައްޗަށް ނުފޫޒު ފޯރުވުމަށް ހިންގާ ޢަމަލުތަކުގެ ނުރައްކާތެރިކަން" ފާހަގަކުރައްވައި، މިފަދަ މައްސަލަތަކާ ގުޅޭގޮތުން ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖެއިން ގެންގުޅޭ ރީހެބިލިޓޭޓިވް އުސޫލުތަކާއި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނަށް އަޅާލުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ދިމާވާ ގޮންޖެހުންތަކާއި، ހައިޑްރޯޕޯނިކްސް ފަދަ އީޖާދީ އުކުޅުތައް ބޭނުންކޮށްގެން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.
އެފްރިކާ އަދި އޭޝިޔާ ބައްރުގެ 14 ޤައުމެއްގެ ފަސްޓް ލޭޑީސް ބައިވެރިވެވަޑައިގެންނެވި މި ސަމިޓުގައި، ދަރިމައިވުމުގެ ސިއްޙަތާ ގުޅުންހުރި ތަޢައްޞަބުތައް ނައްތާލުމާއި، އަންހެންކުދިންގެ ތަޢުލީމާއި ބާރުވެރިކަން އިތުރުކުރުމުގެ މައްޗަށް މަޝްވަރާކޮށްފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!