ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފާއި މެދު އެމްޑީޕީ ޕީޖީގްރޫޕްގެ އިތުބާރުނެތްކަމަށް ނިންމައިފިއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ އިއްތިފާގުން އެގޮތަށް ނިންމީ މިއަދު ބޭއްވި އެ ގުރޫޕުގެ ބައްދަލުވުމެއްގަ އެވެ. އެމްޑީޕީއިން ބުނީ މިއަދު ޕީޖީ ބައްދަލުވުމުގައި ބައިވެރިވި 45 މެމްބަރުންގެ އިއްތިފާގުން ޝިދާތާ މަގާމުން ވަކިކުރަން ފާސްކޮށްފައިވާ ކަމަށެވެ.

Ad
rt

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ އަހުމަދު ހިޝާނަށް އެ ތުހުމަތުތައް ކުރެވޭއިރު އެމްބެސަޑަރުކަން ދިން މައްސަލާގައި އިހުމާލުވާ ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން މިއަދު ވަނީ މަޖިލިސްއަށް ކުއްލި މައްސަލައެއް ހުށަހަޅައިފައެވެ.

އެމައްސަލާގައި އިހުމާލުވާ ފަރާތްތައް ހޯދައި ފިޔަވަޅު އަޅަން ގޮވާލާ ހުށަހެޅުނު އެ ކުއްލި މައްސަލައިގެ ބަހުސް މަރުހަލާގައި އެމްޑީޕީ މެމްބަރުން ވަނީ މިނިސްޓަރު ޝިދާތާ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފައެވެ. އަދި އިސްތިއުފާ ނުދެއްވައިފި ނަމަ މަގާމުން ވަކި ކުރާނެ ކަމަށްވެސް މެމްބަރުން މިއަދު މަޖިލީހުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ މިއަދުގެ ޖަލްސާ އަށް ވަޑައިގެންނެވި 45 މެމްބަރުންގެ ތެރެއިން 41 މެމްބަރުންގެ ވޯޓުންނެވެ.

ކުއްލި މައްސަލައިގައި ފާހަގަކޮށްފައި ވަނީ މައިގަނޑު ދެ ކަމެކެވެ. އެއީ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއްް ހިޝާނަށް ކުރެވޭ ކަން އެނގި ތިބެ، އޭނާ އަށް އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން ދިން ދިނުމެވެ. އަނެއް ކަމަކީ 19 އަހަރުގެ ޒުވާނާގެ ބެލެނިވެރިކަން ހޯދަން ފެމިލީ ކޯޓުން ނަގައި ނުދިނުމުން ވެސް އޭނާ އެ ޒުވާނާ ގޮވައިގެން އުޅުނު އިރު، އެ ޒުވާނާ ހިމާޔަތް ކުރަން އެއްވެސް ކަމެއް ނުކޮށް އޮތުމެވެ.