ނޮވެލް ކޮރޯނާވައިރަސްއިން ރައްކާތެރިވެ ތިބުމަށް މަސައްކަތް ކުރުމަށް ހަނިމާދޫގައި ޓާސްކް ފޯހެއް އުފައްދައިފިއެވެ.
ހަނިމާދޫ ރަށު ކައުންސިލާއި، ހަނިމާދޫ ސިއްޚީމަރުކަޒު ގުޅިގެން އުފެއްދި މިޓާސްކު ފޯހުގެ ފުރަތަމަ ބައްދަލުވުން އިއްޔެވަނީ ހަނިމާދޫ ކައުންސިލް އިދާރާގައި ބާއްވާފައެވެ.
އެ ޓާސްކް ފޯހުގެ އިއްޔެގެ ބައްދަލުވުމާއި ގުޅޭ ގޮތުން މަޢުލޫމާތު ދެއްވަމުން ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއް ސަލާމް ޢަލީ ބުނުއްވީ އިއްޔެ ބައްދަލުވުމުގައި ހަނިމާދޫއަކީ އުތުރުގެ ދަތުރުގެ މައި ދޮރާށި ކަމަށްވުމާއެކު ނޮވެލް ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް އެ ޓާސްކް ފޯހަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
އެ ގޮތުން އެ ވައިރަސްއަށް ޝައްކު ކުރެވޭ ދަތުރުވެރިއަކު ފެނިއްޖެ ނަމަ އާރަށަށް ގެންދެވެންދެން ހަނިމާދޫގައި ކަރަންޓީނު ކުރުމަށް މިވަގުތައް ކަނޑައެޅިފައިވާ ޢިމާރާތަކީ ރައްޔިތުން ދިރިއުޅޭ ސަރަޙައްދުގައި ހުރި ޢިމާރާތަކަށްވާތީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯރޓްތެރެއިން ވަކިން ހުންނަ ދެ ކޮޓަރީގެ ޢިމާރާތަކަށް އެތަން ބަދަލުކުރަން ހުށަހަޅަން އިއްޔެ ނިންމިކަމަށްވެސް ސަލާމް ބުނުއްވިއެވެ. އަދި އެ ގޮތަށް އެ ދެ ކޮޓަރި ކަނޑައަޅައިދިނުމަށް ރީޖަނަލް އެއަރޕޯރޓްސްއަށް ސިޓީ ފޮނުވިފައިވާ ކަމަށްވެސް ސަލާމް ބުނުއްވިއެވެ.
އިއްޔެގެ ބައްދަލުވުމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންވެސް ބޭފުޅަކު ބައިވެރިވެ ވަޑައިގަތެވެ. އިއްޔެ މަސައްކަތް ފެށުނު ޓާސްކް ފޯހުގައި ހަނިމާދޫ ރަށު ކައުންސިލާއި، ހަނިމާދޫ ސިއްޚީމަރުކަޒުގެ އިތުރުން ހަނިމާދޫ ޕޮލިސް، ހަނިމާދޫ އެމްއެންޑީއެފް، ހަނިމާދޫ ސްކޫލް، ހަނިމާދޫ ކަސްޓަމްސް އަދި މިނޫންވެސް ހަނިމާދޫގައި ހުރި ސަރުކާރުގެ މުއައްސަސާތައް ހިމެނެއެވެ.
ހަނިމާދޫގައި ނޮވެލް ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް މަސައްކަތް ކުރުމަށް ޓާސްކް ފޯހެއްގެ މަސައްކަތްފެށި އިރު ހަނިމާދޫމަގުން އިންޓަރނޭޝަނަލް ދަތުރުތައް އޮންނަ އިންޑިއާއިންވަނީ ކޮރޯނާވައިރަސްއަށް 3 މީހުން ޕޮޒިޓިވް ވެފައެވެ.
އިންޑިއާއިން ކޮރޯނާ ވައިރަސް ފެނިފައިވަނީ ހަނިމާދޫ މަގުން ދަތުރުކުރާ ޓްރެވެންޑްރަމާއި ކޮޗިން ނިސްބަތްވާ ކެރެލާ ސްޓޭޓުންނެވެ. އެ އަރޕޯރޓަކީ ގިނަ ޢަދަދަކަށް ފަތުރުވެރިންވެސް ބޭނުންކުރަމުންދާ އެއަރޕޯޓެކެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަށް މޯލްޑިވިއަނުން އެވްރެޖްކޮށް ދުވާލަކު 5 ޑޮމެސްޓިކް ފްލައިޓް އޮޕަރޭޓްކުރާއިރު، އިންޓަރނޭޝަނަލް ފްލައިޓް އޮޕަރޭޓްކުރާ 3 ރޭ، ޖުމްލަ 9 ފްލައިޓް އޮޕަރޭޓް ކުރެއެވެ. އަދި އެޑިޝަނަލް ފްލައިޓުތައްވެސް އެ އަރޕޯޓަށް ވަރަށް ގިނައިން އަޅައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!