އިސްރާއީލުން ހަމަލާދީ ޣައްޒާގެ ރައްޔިތުން ކާބޯތަކެތި ހޯދުމަށް މަސައްކަތްކުރަމުންދަނިކޮށް 84 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފިއެވެ.
މި ހަމަލާތައް ދީފައިވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް، ކާބޯތަކެތީގެ ހާލަތު ނުހަނު ދަށްވެފައިވާ ދަނޑިވަޅެއްގައެވެ.
ބުރާސްފަތި ދުވަހު ހެނދުނުން ފެށިގެން ޝަހީދުވި މީހުންގެ ތެރޭގައި، ޣައްޒާ ސިޓީއާއި އުތުރުގައި 59 މީހުންނާއި، ނެޓްޒަރިމް ކޮރިޑޯ ސަރަހައްދުގައި އެހީ ލިބޭތޯ ބަލަމުން ދިޔަ 16 މީހުން ހިމެނެއެވެ.
ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން ފޯރުކޮށްދޭ އެހީ ހޯދުމަށް ކޮންމެ ދުވަހަކު ބަނޑުހައިވެފައިވާ ރައްޔިތުން އެ ސަރަހައްދަށް އެއްވެއެވެ.
ހަމަލާ ދިން ވަގުތު އެތަނުގައި ހުރި ބައްސާމް އަބޫ ޝަޢާރު ބުނާ ގޮތުގައި، ރޭގަނޑު 1:00 ހާއިރު ޓޭންކު، މަތިންދާބޯޓު އަދި ކުއަޑްކޮޕްޓަރުތަކުން ހަމަލާ ދޭން ފެށިއެވެ. އޭނާ އިތުރަށް ބުނީ ޝުހަދާ ޖަންކްޝަން ސަރަހައްދުގައި މީހުން ގިނަކަމުން ދުވެފައިވެސް ނުދެވޭ ވަރަށް ޖެހިފިތި ބާރުވެފައި ތިބިކަމަށެވެ.
މެޑިކަލް ސޯސްތަކުން ބުނާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޝަހީދުކޮށްލާފައިވާ 69 މީހެެއްގެ ހަށިގަނޑާއި 221 ޒަޚަމްވި މީހުން ހޮސްޕިޓަލްތަކަށް ގެންދެވިފައިވެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޣައްޒާއިން 2023 ވަނަ އަހަރުގެ އޮކްޓޯބަރުން ފެށިގެން މިހާތަނަށް 55,706 މީހުން ޝަހީދުވެ، 130,101 މީހުން ވަނީ ޒަޚަމްވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!