މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑު ހަތަރު މަގާމަށް ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު މީރާގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، މި ފުރުސަތު ހުޅުވާލާފައި މި ވަނީ އެތަނުގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންގެ މުއްދަތު ހަމަވާތީއެވެ.
މި ފުރުޞަތު ހުޅުއްވާލައްވާފައިވަނީ، މިއަދުން ފެށިގެން 6 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.
މި މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށެވެ.
ފޯމުތައް ހުށަހަޅަން ޖެހޭނީ ރައީސް އޮފީހަށެވެ. މީރާގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސްގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެއެވެ.
މިނިވަން، މުސްތަޤިއްލު، ވަކި ޤާނޫނީ ޝަޚްޞެއްގެ ގޮތުގައި " މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) " އުފެދުނީ 18 މާޗް 2010 ގައި ތަޞްދީޤު ކުރެވުނު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!