ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ހުކުމް ތަންފީޒުކޮށްފައި ތިބޭ މީހުންގެ މައްޗަށް އިންޓަޕޯލް ގްރީން ނޯޓިސް ނެރެން ފަށައިފިއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން "ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު" އާންމުކޮށްފައިވެއެވެ. މި ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ހުކުމް ތަންފީޒުކޮށް ނިމި މުޖުތަމައަށް ދޫކޮށްލާފައިވާ މީހުންގެ މައްޗަށް އިންޓަޕޯލް މެދުވެރިކޮށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ވަނީ "ގްރީން ނޯޓިސް" ނެރެންފަށާފައެވެ.
މިގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނި ގޮތުގައި، މިހާތަނަށް 43 މީހެއްގެ މައްޗަށް ގްރީން ނޯޓިސް ވަނީ ނެރެފައެވެ. މީގެ ތެރޭގައި ހިމެނެނީ 25 ދިވެހިންނާއި 18 ބިދޭސީންނެވެ.
އިންޓަރޕޯލް ގްރީން ނޯޓިސްއަކީ އާންމު ސަލާމަތަށް ނުރައްކާވެދާނެ ފަރާތްތަކާ ބެހޭގޮތުން، ހާއްސަކޮށް އެމީހެއްގެ ކުށުގެ ރެކޯޑަށް ނުވަތަ ޝައްކުކުރެވޭ ކުށުގެ އަމަލުތަކާ ގުޅިގެން މެމްބަރު ގައުމުތަކަށް އިންޒާރު ދިނުމަށް ބޭނުންކުރާ ނިޒާމެކެވެ. މި ނިޒާމުން،
- ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރެވޭ.
- ބައިނަލްއަޤްވާމީ ފެންވަރުގައި މަޢުލޫމާތު ހިއްސާކުރެވޭ.
- ކުށްވެރިންގެ ހަރަކާތްތައް މޮނިޓަރކުރެވޭ.
- ކުޑަކުދިންނާ ގުޅުންހުރި ވަޒީފާތަކަށް މިފަދަ މީހުން ނެގުން ހުއްޓުވޭ،
ފުލުހުންގެ ޚިދުމަތުން ބުނީ، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެފަދަ ކުށްކުށަށް އަރައިގަންނަ މީހުންގެ މައުލޫމާތު ކަމާ ގުޅޭ އެންމެހާ ފަރާތްތަކާ ހިއްސާކުރުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި މި މައުލޫމާތު ބައިނަލްއަގުވާމީ ފެންވަރުގައި ހިއްސާކުރުމުން އެފަދަ މީހުންގެ ހަރަކާތްތައް އެހެން ގައުމުތަކުންވެސް ބަލައި، ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިތުރުން މިފަދަ މީހުންނަށް ވަޒީފާ ދިނުމުގައި ރިއާޔަތްކުރަންޖެހޭ ހާއްސަ ކަންތައްތަކާ ގުޅޭ މައުލޫމާތުތައް އެގައުމުތަކަށް ލިބޭނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ހާއްސަކޮށް، ބިދޭސީ މަސައްކަތު މީހުންނަކީ ވަޒީފާ ހޯދުމަށް އެކި ގައުމުތަކަށް ބަދަލުވާ މީހުންނަށްވުމާއެކު އެއް ގައުމެއްގައި މިފަދަ ކުށުގެ އަމަލެއް ހިންގުމަށްފަހު އެހެން ގައުމަކަށް ގޮސް ވަޒީފާއަށް އެދޭ ހާލަތްތަކުގައިވެސް އެމީހެއްގެ މައްޗަށް ގްރީން ނޯޓިސްއެއް ނެރެފައިވާނަމަ ކުޑަކުދިންނަށް ރައްކާތެރިކަން ލިބި ދިނުމުގައި އެހީތެރިކަން ލިބިގެންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!