ރައީސް ޑރ. މުޙައްމަދު މުޢިއްޒު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ގދ. ތިނަދޫ، މަލަ ޒަމްޢަތު އަޙްމަދު ވަޙީދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ޒަމްޢަތު އަޙްމަދު ވަޙީދު މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.
ޒަމްޢަތު ބްރޯޑްކޮމްއަށް ޢައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ 16 ޖޫން 2025 ގައެވެ.
ޒަމްޢަތު ވަނީ 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން މާސްޓަރ އޮފް އާޓްސް އިން ޖަރނަލިޒަމް ޙާޞިލްކުރައްވާފައެވެ. ޒަމްޢަތު މީޑިޔާ އާއި މީޑިޔާ ހިންގުމުގައި 2006 ވަނަ އަހަރުން ފެށިގެން ޢަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ.
ބްރޯޑްކޮމްގެ މެމްބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަންގެ މެންބަރުކަމުގައި އެއިރު ހުންނެވި އާމިނަތު އަމީނާ (އަނާ) މަޤާމުގެ މުއްދަތު މި މަހުގެ 14 ވަނަ ދުވަހު ހަމަވުމުންނެވެ.
ޒަމްޢަތުގެ އިތުރުން ދެން އެ ކޮމިޝަންގައި ހިމެނިވަޑައިގަންނަވަނީ ކޮމިޝަނުގެ ރައީސް ޞަފާ ޝަފީޤާއި، ނައިބު ރައީސް ޝިފްލާ އިބްރާހީމާއި، މެންބަރުންކަމަށްވާ އާމިނަތު ނުޒުހާއާއި، މުޙައްމަދު އަބްދުﷲ (މުހައްމާ) އާއި އަހުމަދު ރިޟްވާނުގެ އިތުރުން އާމިނަތު ޞަރާޙަތު ޢިއްޒަތެވެ.
ބްރޯޑްކޮމްގެ މެންޑޭޓަކީ، ބްރޯޑްކާސްޓް ކުރުމަށް ދޫކުރެވޭ ފްރީކުއަންސީތައް ބޭނުންކުރާނެ ގޮތުގެ ޕްލޭންއެއް އެކުލަވާލުމާއި، ބްރޯޑްކާސްޓަރުންނަށް ލައިސަންސް ދޫކުރުމުގެ ކަންތައްތައް ބެލެހެއްޓުމާއި، ލައިސަންސް ދޫކުރުމުގައި އެކަށައަޅާ ޝަރުތުތަކަށް ބްރޯޑްކާސްޓަރުން އިޙްތިރާމް ކުރާކަން ޔަޤީންކުރުމާއި، ބްރޯޑްކާސްޓް ކުރާ ފަރާތްތަކުގެ ސުލޫކީ މިންގަޑުތައް އެކަށައަޅައި ދެމެހެއްޓުމާއި އަދި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާ އާއި ބެހޭ މައްސަލަ ތަކުގައި ސަރުކާރަށް ލަފާދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!