އިސްރާއީލުން އިސްވެ އީރާނާއި ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމާގައި އެމެރިކާގެ ބައިވެރިވުމަކީ އިސްރާއީލުގެ ބަލިކަށިކަމުގެ ނިޝާނެއްކަމަށް އިރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެއްޖެއެވެ.
ހާމަނާއި މިފަދައިން ވިދާޅުވީ އީރާންގެ ރައްޔިތުންނާއި މުޚާތަބުކުރަށްވައި ދެއްވި ބަޔާނެއްގައެވެ.
މި ބަޔާނުގައި މައިގަނޑު ތިންކަމެއް އޭނާ ވަނީ ފާހަގަކުރަށްވާފައެެވެ. ފުރަތަމަ، އޭނާ ވިދާޅުވީ، އިސްރާއީލުގެ ފުރަތަމަ ހަމަލާތައް ހިންގީ އީރާން އެމެރިކާއާއެކު ނުސީދާކޮށް ނިއުކްލިއަރ މަޝްވަރާތަކުގައި ބައިވެރިވަމުންދިޔަ ދަނޑިވަޅެއްގައި ކަމަށެވެ. މި މުއްދަތުގައި އީރާނުން އެއްވެސް ހަނގުރާމަވެރި ނުވަތަ ހަރުކަށި ޢަމަލެއް ހިންގާފައި ނުވާކަން ވެސް ހާމަނާއީ ފާހަގަކުރެއްވިއެވެ.
ދެވަނައަށް އޭނާ ވިދާޅުވީ ބިރުދެއްކުމާއި މަހުޖޫބުރު ކުރުމަށް އީރާން ބޯ ނުލަބާނެކަން އެމެރިކާ އަށް އެނގެން ޖެހޭނެ ކަމަށެވެ. އަދި އެމެރިކާގެ އެއްވެސް ސިފައިން އިސްރާއީލާއެކު ހިންގާ އެއްވެސް އަސްކަރީ ބައިވެރިވުމެއްގެ ސަބަބުން އިޔާދަނުކުރެވޭވަރުގެ ގެއްލުންތަކެއް އެމެރިކާއަށް ލިބިދާނެކަން ވެސް އެމެރިކާ ދަންނަންޖެހޭނެކަމަށް ހާމަނާއީ ވިދާޅުވިއެވެ.
ތިންވަނަ ކަމަށް އޭނާ ވިދާޅުވީ އެމެރިކާގެ މި ހަނގުރާމާގައި އިސްރާލާއެކު ބައިވެރިވުމަކީ އިސްރާއީލުގެ ބަލިކަށިކަމުގެ ނިޝާނެއް ކަމަށެވެ. ޔަހޫދީންގެ ވެރިކަމުން ހިންގި ނުބައި ޢަމަލުގައި އެމެރިކާ ބައިވެރިވެފައިވާކަމުގެ ޝައްކު ކުރިންވެސް އުފެދިފައިވީ ނަމަވެސް، އެމެރިކާގެ ފަހުގެ ބަސްތަކަށް ބަލާއިރު، މި ޝައްކު ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން އަންކަމަށް ވެސް ހާމަނާއީ ވަނީ ވިދާޅުވެފައެވެ.
''ޔަހޫދީ ދުޝްމަނުން ވަނީ ނުރައްކާތެރި ކުށެއް ކޮށް، ބޮޑު ޖަރީމާއެއް ހިންގާފައި، އެކަމަށް އަދަބު ލިބެންޖެހޭނެ، އީރާނުން އެއްވެސް މަޖުބޫރު ސުލްހައަކަށް ވަރުގަދައަށް ދެކޮޅު ހަދަން، އީރާނުން މަޖުބޫރުކުރުވުމުގެ ކުރިމަތީގައި އެއްވެސް މީހަކަށް ބޯނުލަނބާނަން'' ހާމަނާއީ ވިދާޅުވެފަވެއެވެ.
ހާމަނާއީ ވަނީ އިސްރާއީލުގެ ހަމަލާތަކުން އަނިޔާ ލިބެމުންދާ އީރާނުގެ ރައްޔިތުންނަށް އެއްބައިވަންތަކަމުގެ މެސެޖެއްވެސް ދެއްވާފައެވެ.
އީރާނުން އަބަދުވެސް ކުރިއެކޭ އެއްގޮތަށް، މަޖުބޫރުކުރެވޭ ކޮންމެ ހަނގުރާމައަކާ ދެކޮޅަށް ވަރުގަދައަށް ތެދުވެ ސާބިތުވެތިބޭނެކަމަށް ވެސް ހާމަނާއީ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!