ސްރީލަންކާގެ ޖެނެރަލް ހޮސްޕިޓަލަށް ބޭސް ހޯދުމަށް ގަސްދުގައި އިހުމާލުވެ، ޚިދުމަތް ހޯދަން އަންނަ މީހުންނަށް ބޭހަށް ދަތިކޮށް އަމިއްލަ ފާމަސީތަކުގައި ބޮޑު އަގުގައި ބޭސް ވިއްކި މައްސަލާގައި އެ ގައުމުގެ މަޝްހޫރު ނިއުރޯ ސަރޖަން ޑރ. މަހޭޝީ ވިޖެރަތްނެ އިއްޔެ ހައްޔަރުކޮށްފިއެވެ.
ލަންކާ މީޑިއާގައި ބުނާގޮތުގައި މި މައްސަލާގައި ޑރ. ވިޖެރަތްނެ ގެ އިތުރުން ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ސްރީ ޖަޔަވަރުދަނަޕުރަ ޖެނެރަލް ހޮސްޕިޓަލްގެ ނަން މަޝްހޫރު ނިއުރޯ ސަރޖަން ޑރ. ވިޖެރަތްނެ އާއި އިތުރު ދެ މީހަކު އިއްޔެ ހެނދުނު ހައްޔަރުކުރީ ލަންކާގެ ކޮރަޕްޝަން ކޮމިޝަނުން ބަލަމުންދާ ޚިޔާނާތުގެ މައްސަލައަކާއި ގުޅިގެންނެވެ. އަދި މި ތިން މީހުން މި މަހުގެ 24 އާ ހަމައަށް ބަންދުގައި ބޭތިއްބުމަށް ކޮލަމްބޯ މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ލަންކާގެ ކޮރަޕްޝަން ކޮމިޝަނާއި ހަވާލާދީ އެ ގައުމުގެ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑރ. ވިޖެރަތްނެ އާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވަނީ ސަރުކާރުގެ ހޮސްޕިޓަލަށް ބޭސް ހޯދުމުގައި ގަސްތުގައި އިހުމާލުވެ، ޚިދުމަތް ހޯދަން އަންނަ މީހުންނަށް ހޮސްޕިޓަލުން ބޭސް ލިބުން ދަތިކޮށް، އެ ބޭސްތައް ޑރ. ވިޖެރަތްނެ އަމިއްލަ މަސްލަހަތު އޮންނަ ފާމަސީތައް މެދުވެރިކޮށް އެ ބޭސްތައް ބޮޑު އަގުގައި ބަލިމީހުންނަަށް ވިއްކުމުގެ ތުހުމަތުގައެވެ.
ލަންކާގެ ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވާ ގޮތުގައި މި މީހުންގެ މި ޢަމަލުގެ ސަބަބުން ބަލިމީހުންނަށް 30 މިލިއަން ރުޕީސްގެ މާލީ ގެއްލުން ވެފައިވެއެވެ.
ކުރީގެ ލަންކާގެ ޕާލަމެންޓް މެންބަރެއްކަމަށްވާ ހިރުނިކާ ޕްރެމަޗަންދްރާ ވަނީ ޑުމިންދަ ސިލްވާގެ މެޑިކަލް ފޮރުވުމުގެ މައްސަލައިގައި ޑރ. ވިޖެރަތްނެ ބައިވެރިވެފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައެވެ. ނަމަވެސް އޭނާ މިކަން ދޮގުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!