24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 68 ފަލަސްޠީނު ރައްޔިތުން ޝަހީދުވެފައިވާކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެފިއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެންމެ ފަހުގެ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 68 ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުވެފައެވެ. މީގެ އިތުރުން، މަދުވެގެން 182 މީހުން ޒަޚަމްވެ ހޮސްޕިޓަލްތަކަށް ގެންދެވިފައިވާ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
ޞިއްޙީ ވުޒާރާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ، އަދިވެސް ގިނަ އަދަދެއްގެ ޝަހީދުވެފައި މީހުން ވަނީ ތަޅާލެވިފައިވާ އިމާރާތްތަކުގެ ތެރޭގައާއި މަގުމަތީގައި ކަމަށެވެ. އެމްބިއުލާންސްތަކަށާއި ސިވިލް ޑިފެންސްގެ އެހީތެރިކަން އެ ސަރަޙައްދުތަކަށް ވާސިލް ނުވެވޭތީ، ޝަހީދުވެފައިވާ މީހުންގެ ހަށިގަނޑުތައް ނެގުމަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް، ޣައްޒާގައި ޝަހީދުވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 55،432 އަށް އަރާފައެވެ. އަދި 128،923 މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ ތެރެއިން، މާރޗް 18 އިން ފެށިގެން، އެއީ އިސްރާއީލުން ޣައްޒާގެ ހަނގުރާމަ ވަގުތީގޮތުން ހުއްޓުމަކަށް ގެނައި ދުވަހުން ފެށިގެން، 5،139 މީހުން ވަނީ ޝަހީދުވެފައި އަދި 16،882 މީހުން ވަނީ ޒަޚަމްވެފައެވެ.
އިސްރާއީލުން ދަނީ ޣައްޒާގެ އިތުރުން ފަލަސްތީނުގެ އިތުރު ބައެއް ސިޓީތަކަށާއި، އީރާނަށް ހަމަލާދީ ހަނގުރާމައިގެ ޖަރީމާ ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!