ދިވެހިރާއްޖޭގެ އާބާދީގެ 7 އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ތަފާސްހިސާބުތަކާއި ހަވާލާދީ އެ ވުޒާރާއިން ބުނީ، ދިވެހިރާއްޖޭގެ އާބާދީގެ ހަތް އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމަށެވެ. ނުކުޅެދުންތެރިކަމަކީ، މީހާގެ ޤާބިލުކަމަށް އޭގެ ސަބަބުން އަސަރުފޯރާ ކަމެއްކަމަށާއި، އަދި ނުކުޅެދުންތެރިކަމެއް ހުންނަ މީހަކަށްވުމަކީ މުޖުތަމަޢުއިން އެމީހަކު ބާކީކުރުވާ ސަބަބަކަށް ވެގެންދާ ޙާލަތްތައް ވެސް އަންކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައެވެ.

Ad
rt

މީގެ ނަތީޖާއަކަށް ވެގެންދަނީ އެމީހުންނަށް މުޖުތަމަޢުގެ އެހެން މީހުންނާއި އެއްހަމައެއްގައި ކުރިއަރާ ދިއުމަށާއި، މާނަހުރި ގޮތެއްގައި މުޖުތަމަޢުގެ ކަންކަމުގައި ބައިވެރިވުމަށް ހުރަސްތަކެއް އެޅިގެންދިއުންކަން އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

އެހެންވެ، އެ ވުޒާރާއިން ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، މުޖުތަމަޢުގެ ތެރެއިން އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދެވިއްޖެނަމަ، އެ ފަރާތްތައް ބާރުވެރިކުރުވި، އަމިއްލަ މިނިވަންކަމާއިއެކީ މުޖުތަމަޢުގައި ދިރިއުޅުމަށް މަގު ފަހިވެގެން ދާނެކަން ހަނދާންކޮށްދީފައެެވެ.

''ހަމައެހެންމެ، ޝާމިލުކުރަނިވި މުޖުތަމަޢެއް ބިނާކުރުމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅުންހުރި މުހިންމު ކަންކަން ނިންމުމުގައި އެމީހުންގެ ޚިޔާލު ހޯދަންވާނެ، އެގޮތުން، ޢާއިލާގެ ތެރޭގައި ނިންމާ ނިންމުންތަކާއި، ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ މުސްތަޤުބަލާއި ގުޅުންހުރި ކަންކަން ނިންމުމުގައި، ވީހާވެސް ބޮޑަށް އެމީހުންގެ ބަސް ހޯދުމަކީ މުހިންމުކަމެއް'' އެ ވުޒާރާއިން ބުނެފަވެއެވެ.

މީގެއިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތަޢުލީމާއި، ތަޖުރިބާ އަދި އެކި ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ވެސް ފުދުންތެރި އަދި ތަނަވަސް ޢާއިލާތަކެއް ބިނާކުރުމުގައި މުހިންމު ކަމެއްކަން ފާހަގަކޮށް، މިކަމުގެ ސަބަބުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ މަސައްކަތުގެ ޤާބިލުކަން އިތުރުކުރެވި، ވީހާވެސް ގިނަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މައިދާނުތަކަށް ނުކުތުމަށް ހިތްވަރު ލިބިގެންދާކަމެއްކަން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ފާހަގަކޮށްފަވެެއެވެ.

ނުކުޅެދުންތެރިކަމާ ގުޅޭ އަހުލުވެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް ހިންގުން މުހިންމުކަން ފާހަގަކޮށް ޤައުމުގެ ކުރިއެރުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިކުރުވުމަކީ ޝާމިލު މުޖުތަމަޢެއް ބިނާކުރުމަށް އެޅޭ ފިޔަވަޅެއްކަން ވެސް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ފާހަގަކޮށްފަވެއެވެ.