ރޭގެ ވަގުތެއްގައި އައި ބާރު ކޮޅިގަނޑެއްގައި ހދ. ކުމުންދޫގެ ދެ ގެއެއްގައި ހުރި ބަނބުކެޔޮ ގަހެއް ވެއްޓި އެކި ވަރުގެ ގެއްލުންތަކެއް ވެއްޖެއެވެ.

ކުމުންދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، ގެއްލުންވެފައި ވަނީ ކުމުންދޫ ވީވަރު ގެ އަށާއި ގަނދަކޯޅި ގޭގެ ފުރާޅު މައްޗަށް ބަނބުކެޔޮގަހެއް ވެއްޓިއެވެ.

Ad
rt

ކުމުންދޫ ކައުންސިލުން ބުނެފައި ވަނީ ބަނބުކެޔޮގަސް ވެއްޓުމުގެ ސަބަބުން އެ ދެ ގެއަށް ވެސް ބޮޑެތި ގެއްލުންތައް ވެފައިވާކަމަށެވެ.

ކައުންސިލުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި އެ ގަސް ވެއްޓިފައި ވަނީ މުހުން ލުހިގެންނެވެ.

ކުމުންދޫ ކައުންސިލުން ވަނީ މި އުނދަގޫ ދަނޑިވަޅުގައި ގެއްލުންވި ގެތަކަށް އާންމު ރައްޔިތުން ވެދިން އެހީ ފާހަގަކޮށް ޝަކުރު އަދާކޮށްފައެވެ.

މިހާރު ރާއްޖެއަށް މިކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައާއި ގުޅިގެން ދިވެހި ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ އުތުރުގެ ރަށްތަކަށް ހުދު ސަމާލު ނެރެފައެވެ.

މެޓް އޮފީހުން ވަނީ ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް އިއްޔެ އިންސުރެއް ހުދު ސަމާލު ނެރެފައެވެ.