އިސްރާއީލްގެ ޕްލޭނަކީ އީރާންގެ ސަރުކާރު ވައްޓާލުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިސްރާއީލުގެ މީޑިއާ ''ޗެނަލް 14'' އިން ބުނި ގޮތުގައި، އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަމުން އީރާނުގެ ސަރުކާރު ''ފުނޑާލުމަށް އަމާޒުކޮށް'' އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި މިއީ އިސްރާއީލުގެ ހަނގުރާމަވެރި މަސައްކަތްތައް ފުޅާކުރުމުގެ ބޭނުމުގައި ކުރާކަމެއްކަމަށް ވެސް އެޗެނަލުން ބުނެފަވެއެވެ.

Ad
rt

އެ ޗެނަލްގެ ޑިޕްލޮމެޓިކް ކޮރެސްޕޮންޑެންޓް ތަމީރު މޮރާގް ބުނެފައި ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫ އާއި ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް އާ ގުޅިގެން އެކުލަވާލި އައު ހަމަލާގެ ޕްލޭނުގެ މައިގަނޑު މަޤްސަދަކީ ތެހުރާނުން ގިނަ އަދަދެއްގެ މީހުން ''ފިލައިގެން ދާނެގޮތަށް'' ކަންކުރުމެވެ.

މޮރާގް އެކްސް ޕްލެޓްފޯމްގައި ހިއްސާކުރި ގޮތުގައި، މި އޮޕަރޭޝަނުގެ ދަށުން އިސްރާއީލުގެ އާބާދީތަކަށް އަމާޒުކޮށް ދެވޭ ހަމަލާތަކުގެ ޖަވާބުގައި، މިހާރު ތެހުރާނުގައި ހުރި އީރާންގެ ސަރުކާރުގެ އިމާރާތްތަކަށް ހަމަލާދީ، އެ ސަރަހައްދުތަކުން ގިނަ އަދަދެއްގެ ރައްޔިތުން ފޮނުވާލެވޭނެއެވެ. އަދި މިއީ އީރާންގެ ސަރުކާރު ވައްޓާލުމަށް އެޅޭނެ ހަރުދަނާ ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ނަން ހާމަނުކުރާ ގޮތަށް އެ ޗެނަލްއަށް ވާހަކަދެއްކި ސެކިއުރިޓީ އޮފިޝަލަކު ބުނެފައިވަނީ މި ޕްލޭން ދުވަހުން ދުވަހަށް ހަރުދަނާވެ، އޭގެ ނަތީޖާ ފެންނަމުންދާނެ ކަމަށެވެ.

ނަމަވެސް، އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއަން ސާރު ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އީރާނުގެ ސަރުކާރު ބަދަލުކުރުމަކީ އެ ޤައުމުގެ ރައްޔިތުން ނިންމަންޖެހޭނެ ކަމެއް ކަމަށާއި، އިސްރާއީލުން އެކަމަށް މަސައްކަތް ނުކުރާ ކަމަށެވެ. އިސްރާއީލުގެ ފޮރިން މިނިސްޓަރު މިގޮތަށް ބުނެފައި ވަނީ ހީލަތްތެރިކަމާއެކު ކަމަށް ބެލެވެއެވެ.

އިސްރާއީލުން އީރާނަށް ހަމަލާދެމުން ދަނީ އެމެރިކާ އަޑީގައި އޮވެގެންކަމަށް ޔަގީންވެފައިވާއިރު، އީރާނަކީ މިހާތަނަށް ހުޅަނގުގެ ބާރުތަކާއި އެމެރިކާ ބޭނުންވާ ކަހަލަ ''ގޮނޑިކޮއްކޮ'' ސަރުކާރެއް ނެތް ހަމައެކަނި އިސްލާމީ ބޮޑު ގައުމެވެ. މީގެ ކުރީން ވެސް އެމެރިކާއާއި ހުޅަނގުގެ ބޮޑެތި ބާރުތަކުން ވަނީ އެކި ނަންނަމުގައި އިގްތިސާދީގޮތުންނާއި އުމްރާނީ ތަރައްގީއާއި ތައުލީމީ، ތަހްލީލީ ކުރިއެރުން ހޯދި އިސްލާމީ ބޮޑެތި ޤައުމުތައް މިގޮތަށް ''ފުނޑާލައި'' އެމީހުން ބޭނުންވާ ވެރިކަންތައް ގާއިމުކޮށްފައެވެ. އޭގެ މިސާލަކީ އިރާގާއި، މިސްރާއި، ލީބިޔާ އާއި އަދި ސީރިޔާ ފަދަ ޤައުމުތަކެވެ. ހުޅަނގާއި އެމެރިކާއިން މިކަން ކުރުމުގެ އަނެއް ބޭނުމަކީ ފަލަސްތީނުގެ ބިންތައް ފޭރިގަނެގެންތިބި އިސްރާއީލަށް މަދަދު ދިނުމެވެ. މިވަގުތު އެ ސަރަހައްދުން ފަލަސްތީނަށް ވާގިވެރިވާ އަމިއްލަވަންތަ ބާރުހުރި ހަމައެކަނި ޤައުމަކީ އީރާނެއެވެ. އެހެން ޤައުމުތައް ވަނީ އެމެރިކާއާއި ހުޅަނގުން އަތްދަށުލާފައެވެ. އެހެންކަމުން އިސްރާއީލުން ކުރަމުން ދަނީ އެގައުމާއި ހަވާލުވި ޓާސްކެއް ފުރިހަމަކުރުމުގެ މަސައްކަތެވެ. ހިތާމައަކީ ބާރުހުރި މުސްލިމްގައުމުތައް ޣާފިލްކަން މަތީ ތިބުމެވެ.