އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ އަކީ "21 ވަނަ ގަރުނުގެ ހިޓްލަރު" ކަމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެއެވެ.

ވެނެޒުއެލާގެ ރައީސް މަދޫރޯ ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫއަށް "21 ވަނަ ގަރުނުގެ ހިޓްލަރު" ގެ ނަން ދެއްވާ، އިސްރާއީލުން އީރާނަށް ފަހަކަށް އައިސް ދިން ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފައެވެ.

Ad
rt

މަދޫރޯގެ މި ބަސްފުޅުތަކަކީ މެދުއިރުމަތީގެ ބޭރުގައިވާ ޤައުމެއްގެ އިސްވެރިއަކު އިސްރާއީލުގެ ފަހުގެ ޢަމަލުތަކާ ދެކޮޅަށް ދެއްކެވި އެންމެ ހަރުކަށި ވާހަކަތަކެވެ.

ހުކުރު ދުވަހު ވާހަކަފުޅު ދައްކަވަމުން، މަދޫރޯ ވަނީ އިސްރާއީލުން އީރާނަށް ދިން ހަމަލާތައް ކުށްވެރިކުރައްވާ، އަދި ބައިނަލްއަޤްވާމީ މުޖުތަމަޢު، ޚާއްޞަކޮށް އދ އިން އިސްރާއީލުގެ "އަނިޔާވެރި އަދި ލާާއިންސާނީ ޢަމަލުތަކާ" ދެކޮޅަށް އަޑު ނުއުފުލާތީ ފާޑުވިދާޅުވެފައެވެ. އޭނާ ވަނީ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ހާހުން ގުނާލެވޭ ފަލަސްޠީނު މަދަނީ ރައްޔިތުންގެ މަރުގެ ޒިންމާ ސީދާ ނަތަންޔާހޫ ނަގަންޖެހޭނެކަމަށް ވިދާޅުވެފައެވެ.

"ހުޅަނގުގެ ޤައުމުތަކުން އޭނާއަށް ހަތިޔާރު ދީ، ފައިސާ ދީ، އަދި މި ވަހުޝީ ޢަމަލުތައް ހިންގުމަށް މިސައިލްތައް ދީފައިވޭ." މަދޫރޯ ވިދާޅުވެފައެވެ.

މަދޫރޯ ވަނީ މެދުއިރުމަތީގައި ހަމަނުޖެހުން އުފެއްދުމުގެ ފަހަތުގައި ހުޅަނގުގެ ބާރުތަށްވާކަމަށް ތުހުމަތު ކުރައްވާ، އީރާނަށް އިސްރާއީލުން ފަހަކަށް އައިސް ދިން ހަމަލާތަކާ މެދު އެ ފަރާތްތަކުގެ މަގްސަދާމެދު ސުވާލު އުފައްދަވާފައެވެ.

"ބާރލިން، ޕެރިސް އަދި ވޮޝިންގްޓަން އިން ޒައިއޮނިސްޓް ވެރިކަމުން އީރާނަށް ފަހަކަށް އައިސް ދިން ހަމަލާއާ މެދު ކިޔަނީ ކީކޭތޯ؟ އެމީހުން 21 ވަނަ ގަރުނުގެ ހިޓްލަރަށް އޭނާގެ ކުށްތަކުގައި އީރާނުގެ މާތް އަދި ސުލްޙަވެރިކަމަށް ލޯބިކުރާ ރައްޔިތުންނާ ދެކޮޅަށް އަޑުގަދަކޮށް ތާއީދުކުރަމުން ދާނެތޯ؟" މަދޫރޯ ވިދާޅުވެފަވެއެވެ.

އޭނާ ވަނީ ބައިނަލްއަޤްވާމީ ޔަހޫދީ މުޖުތަމަޢުތަކަށް، ޚާއްޞަކޮށް އިސްރާއީލު ތެރޭގައި ތިބި ފަރާތްތަކަށް، ނަތަންޔާހޫގެ "ހަނގުރާމައަށް ލޯބިކުރާ މަޖުނޫނުކަމާ" ދެކޮޅަށް ނުކުތުމަށް ގޮވާލައްވާ، އިންޒާރުދެއްވާފައެވެ.

"މި ހުރިހާ އަނިޔާވެރިކަމަކާއި ނަފްރަތު ދާނީ ކޮން ދިމާލަކަށްތޯ؟ މިސައިލްތަކާއި ބޮންތަކުން ދުނިޔޭގެ އިރާދަ ބަދަލުކުރެވޭނެ ކަމަށް އެމީހުން ހީކުރަނީތޯ؟" މަދޫރޯ ވިދާޅުވެފަވެއެވެ.

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ މި މޭރުމުން ވާހަކަފުޅުދައްކަވާފައި ވަނީ 13 ޖޫން 2025 ގައި އިސްރާއީލުން ތެހްރާނާއި އީރާނުގެ އެހެން ސިޓީތަކަށް ދިން ބޮޑު ވައިގެ ހަމަލާގެ އެއް ދުވަސް ފަހުންނެވެ. މި ހަމަލާގައި އީރާނުގެ ގިނަ އަދަދެއްގެ އަސްކަރީ ކޮމާންޑަރުންނާއި، ސައިންޓިސްޓުންނާއި އަދި މަދަނީ ރައްޔިތުން ޝަހީދުވެފަވެއެވެ.

ވެނެޒުއެލާގެ ރައީސް ނިކޮލާސް މަދޫރޯ މިފަދައިން ވިދާޅުވެފައިވާކަމަށް ފްރާންސާއި، އީރާންގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ހުޅަނގުގެ ނުފޫޒުގަދަ މީޑިއާތަކަކީ އިސްރާއީލަށް ތާއީދުކުރާ ނިއުސް އެޖެންސީތަކެއްކަމުން އެ ނޫސްތަކުން މިވާހަކަ ނުގެނައީކަމަށް ބެލެވެއެވެ.