ހައްދުފަހަނާ އަޅާފައިވާ އިސްރާއީލުން، އީރާނަށް ދެމުން ހަމަލާތައް ރާއްޖޭގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކުށްވެރިކުރަށްވައިފިއެވެ.

ރައީސް މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލުން އިސްލާމީ ޖުމްހޫރިއްޔާ އީރާނަށް ދެމުންދާ އަނިޔާވެރި ހަމަލާތައް ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަށްވާ ކަމަށެވެ.

Ad
rt

މިފަދަ ޢަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު، އަދި ސަރަޙައްދީ ސުލްޙަ އާއި ސްޓެބިލިޓީއަށް ނުރައްކާވާފަދަ ކަންތައްތަކެއް ކަމަށް ވެސް ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވަނީ ހަމަނުޖެހުން އިތުރުވަމުންދާ މިންވަރު ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ވެސް ވިދާޅުވެފައެވެ.

އިސްރާއީލް މިލިޓަރީން ބުނާ ގޮތުގައި އީރާނުގެ މިލިޓަރީ އަދި ނިއުކްލިއަރ ތަންތަނަށް ބޮޑެތި ހަމަލާތަކެއް ދީފައިވެއެވެ. މި ހަމަލާތައް އީރާނުގެ ވެރިރަށް ތެހެރާނުގެ މެދު ސަރަޙައްދަށްވެސް ދީފައިވެއެވެ. ނަމަވެސް އިސްރާއީލުން ވަނީ ތެހެރާންގެ އާންމު އިމާރާތްތަކަށް ވެސް ހަމަލާދީފައެވެ.

އީރާނުގެ ސުޕްރީމް ލީޑަރ އާޔަތުއްﷲ ޚާމެނީ ވިދާޅުވެފައިވަނީ އިސްރާއީލުން އީރާނަށް ހަމަލާދީ، އެތައް އިސް މިލިޓަރީ ކޮމާންޑަރުންނަކާއި 6 ނިއުކްލިއަރ ސައިންޓިސްޓުން ޝަހީދުކޮށްލުމުން އެ "ކުށް" އަށް "ހަރުކަށި އަދަބު" ދޭންޖެހޭނެ ކަމަށެވެ.

އިސްރާއީލް މިލިޓަރީން ބުނާ ގޮތުގައި ހަމަލާތަކަށްފަހު އީރާނުން 100 ޑްރޯން ދޫކޮށްފައިވާ ކަމަށާއި، އެ ޑްރޯންތައް ހުއްޓުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައި ވަނީ މިލިޓަރީ އޮޕަރޭޝަން ކުރިއަށްދާނީ އިސްރާއީލުން ''ބޭނުންވާހާ ހިނދަކު'' ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެފައިވަނީ މި ހަމަލާތަކުގައި އެމެރިކާ "ބައިވެރިވެފައި ނުވާ" ކަމަށާއި، ސަރަޙައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ނުދިނުމަށް އީރާނަށް އިންޒާރުދީފައިވާ ކަމަށެވެ.