އިސްލާމްދީނުގައި އުޚުއްވަތްތެރިކަމަކީ އެންމެ މަތިވެރި އަދި މުހިންމު އެއް އަސާސެވެ. މި މަތިވެރި ދީނުގައި މުއްސަނދި މީހަކާއި ފަޤީރު މީހަކާ ދެމެދު، ނުވަތަ ދޮން މީހަކާއި ކަޅު މީހަކާ ދެމެދު، އަދި ކުޑަކުއްޖަކާއި ބޮޑު މީހަކާ ދެމެދު އެއްވެސް ތަފާތެއް ނުކުރެއެވެ. އެންމެހައި މުސްލިމުންނަކީ އެއް އުއްމަތެއްގެ ގޮތުގައި ބަލައި، އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ލޯބިވާންޖެހޭ ބައެކެވެ.
މިއަދުގެ ހުކުރު ޚުޠުބާގައި މުސްލިމުންގެ އުޚުއްވަތްތެރިކަމުގައި މުއްސަނދިޔަކާއި ފަޤީރަކާއި ދޮންމީހަކާއި ކަޅުމީހަކާއި ކުޑަކުއްޖަކާއި ބޮޑުމީހަކު ތަފާތުނުވާކަން ބަޔާންކޮށްދެއްވައި ތަވާޟުޢުވެރިކަމަކީ ދަރަޖަ އުފުލިގެންވާކަން ބަޔާންކުރަށްވާފަވެއެވެ. މިގޮތުން ޚުޠުބާގެ މުހިންމު ބައިތަކުގެ ޚުލާސާ ތިރީގައި އެވަނީއެވެ.
ތަޤްވާވެރިކަމުގެ މަތިވެރިކަން
އިސްލާމްދީނުގައި މީހުންގެ މެދުގައި ތަފާތު ކުރެވެނީ ހަމައެކަނި އެމީހެއްގެ ތަޤްވާވެރިކަމާއި ހެޔޮ ޢަމަލުތަކުންނެވެ. މާތްﷲ ވަޙީކުރައްވާފައިވާ ފަދައިން އެންމެ މާތްވެގެންވަނީ އެންމެ ތަޤްވާވެރި މީހާއެވެ. މުދަލާއި، މަޤާމާއި، ނަސަބާއި، ކުލައަކީ އެއްވެސް ތަފާތެއް ގެނެސްދޭ ކަންކަމެއް ނޫނެވެ.
ތަވާޟުޢުވެރިކަމުގެ މުހިންމުކަން
އިސްލާމީ އުޚުއްވަތްތެރިކަމުގެ އެންމެ މުހިންމު އެއް ސިފައަކީ ތަވާޟުޢުވެރިކަމެވެ. ތަވާޟުޢުވެރިކަމަކީ ހިތްތިރިކަމާއި މަޑުމޮޅިކަމެވެ. މީސްތަކުންގެ މައްޗަށް ކިބުރުވެރި ނުވުމެވެ. ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވާ ފަދައިން، ﷲ އަށްޓަކައި ތަވާޟުޢުވެރިވާ މީހާގެ ދަރަޖަ މާތްﷲ އުފުއްލަވައެވެ.
އިސްލާމީ އުޚުއްވަތްތެރިކަމުގެ ނަތީޖާ
އިސްލާމީ އުޚުއްވަތްތެރިކަމުގެ ސަބަބުން މުޖުތަމަޢުގައި އުފެދޭ ލޯބިވެރިކަމާއި އެކުވެރިކަމަކީ ވަރަށް މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުމާއި ސުލްޙަވެރިކަން ދެމެހެއްޓި، އިޖުތިމާޢީ ގުޅުންތައް ވަރުގަދަވެގެންދެއެވެ. އަދި މީގެ ސަބަބުން މުޖުތަމަޢުގެ ކުރިއެރުމާއި ތަރައްޤީއަށް މަގުފަހިވެގެންދެއެވެ.
އިސްލާމީ އުޚުއްވަތްތެރިކަމުގެ އަމަލީ ނަމޫނާ
މާތް ނަބިއްޔާ ﷺ އަކީ އިސްލާމީ އުޚުއްވަތްތެރިކަމުގެ އެންމެ މަތިވެރި ނަމޫނާއެވެ. އެކަލޭގެފާނު އަބަދުވެސް މުސްލިމުންގެ ނިކަމެތިންނާއި، ބަލިމީހުންނާއި، ކުޑަކުދިންނާއި، އަދި އެހެނިހެން އެންމެންނާމެދުވެސް އޯގާތެރިވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ މި މަތިވެރި ސިފަފުޅުތަކުގެ ސަބަބުން އިސްލާމްދީން ފެތުރި، ގިނަ ބަޔަކު އިސްލާމްދީން ޤަބޫލުކުރިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!