އިންޑިއާގެ ގުޖުރާތު ސްޓޭޓްގެ އަހްމަދާބާދަށް 242 މީހުން ނާއެކު ދަތުރުކުރި އެއާ އިންޑިއާ މަތިންދާބޯޓު ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު އަދި ސާފުނުވާއިރު، މި ބޯޓު ވެއްޓިފައި ވަނީ ފުރިތާ ފަސް ވަރަކަށް މިނިޓް ފަހުންނެވެ.
އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގީ އަހްމަދާބާދު އެއަރޕޯޓް ކައިރީގައިވާ މެގާނީ ސަރަހައްދުގައި، ބޯޓު އުދުއްސާލިތާ 5 މިނެޓް ފަހުންނެވެ. ލަންޑަނަށް ދަތުރުކުރި މި މަތިންދާބޯޓު، އަހްމަދާބާދުގެ ސަރުދާރު ވަލަބްބާއި ޕަޓެލް އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރީ މެންދުރުފަހު 1:38 ގައެވެ.
ލަންޑަންގެ ގެޓްވިކްއަށް ދަތުރުކުރި އެއާ އިންޑިއާ ފްލައިޓް A171، ބޯއިންގ 787-8 ޑްރީމްލައިނާގައި 169 އިންޑިއާ މީހުންނާއި، 53 އިނިގިރޭސި ރައްޔިތުންނާއި، 7 ޕޯޗުގީޒް ރައްޔިތުންނާއި އަދި ކެނެޑާ މީހަކާއި އެކު ފްލައިޓް ކްރޫ ތިބިއެވެ.
މި ބޯޓުގައި ދަތުރުކުރި މީހުން ސަލާމަތްކުރެވޭތޯ މަސައްކަތް ކުރަމުން އަންނައިރު، ގާންދީނަގަރުން 90 މުވައްޒަފުން ހިމެނޭ ތިން ނެޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް (އެންޑީއާރްއެފް) ޓީމު ވަނީ ހާދިސާ ހިނގި ސަރަހައްދަށް ގޮސް މަސައްކަތް ފަށާފައެވެ. އަދި އިތުރު ތިން ޓީމެއް ވަޑޯދަރާއިން ވަނީ އެތަނަށް ގޮސް މަސައްކަތް ފަށާފައެވެ. މީގެ އިތުރުން އިންޑިއަން އާމީގެ ގާތްގަނޑަކަށް 130 މުވައްޒަފުން ހިމެނޭ ޓީމްތަކެއް ދަނީ އިންސާނީ އެހީތެރިކަމާއި ކާރިސާއިން އަރައިގަތުމުގެ މަސައްކަތްތަކުގައި ސިވިލް އިދާރާތަކަށް އެހީތެރިވަމުންނެވެ.
އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ބުނާ ގޮތުގައި، ޕައިލެޓް، ކެޕްޓަން ސުމީތް ސަބަރްވާލް، މަތިންދާބޯޓާ ގުޅުން ކެނޑުމުގެ ކުރިން އެއަރ ޓްރެފިކް ކޮންޓްރޯލްއަށް "މޭޑޭ" ގޮވާފައިވެއެވެ. މޭޑޭ ގޮވުމަކީ ރޭޑިއޯ މުވާސަލާތުގައި ބޭނުންކުރާ ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ ނުރައްކަލުގެ އިޝާރާތެކެވެ. މިއީ ކުއްލި ނުރައްކަލެއް ދިމާވެދާނެކަން އަންގައިދޭ އިޝާރާތެކެވެ.
''އަހަމަދާބާދުގައި ހިނގި ވަރަށް ހިތާމަވެރި ހާދިސާއެއް މިއީ. ވަރަށް ގިނަ ބަޔަކު އަޅުގަނޑުމެންނަށް ގެއްލިއްޖެ، މަރުވި މީހުންގެ އަދަދު އަދި ނޭނގެ. މި މަތިންދާބޯޓު ދުއްވަމުން ދިޔައީ ކެޕްޓަން ސުމިތް ސަބަރްވާލް އާއި ފަސްޓް އޮފިސަރ ކްލައިވް ކުންދަރްގެ ބެލުމުގެ ދަށުން. ކެޕްޓަން ސުމިތް ސަބަރްވާލްއަކީ 8,200 ގަޑިއިރުގެ ތަޖުރިބާ ހުރި އެލްޓީސީއެއް. ކޯޕައިލެޓްގެ 1,100 ގަޑިއިރުގެ ދަތުރުފަތުރުގެ ތަޖުރިބާ ހުރި.''' ޑީޖީސީއޭ އިން ބުނެފަވެއެވެ.
މި ހާދިސާއާއި ގުޅިގެން މި މަތިންދާބޯޓު އުފެއްދި ކުންފުނި ބޯއިންގ އެއަރޕްލޭންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާއާ ގުޅިގެން އެއަރ އިންޑިއާއާ އެކު މަސައްކަތް ކުރަމުން އަންނަކަމަށެވެ.
"އަޅުގަނޑުމެން އެހީތެރިވުމަށް ތައްޔާރަށް މިތިބީ. އަޅުގަނޑުމެންގެ ޚިޔާލުތައް މިވަގުތު ވަނީ މަތިންދާބޯޓުގެ ފަސިންޖަރުންނާއި، ފަޅުވެރިންނާއި، ފުރަތަމަ އެހީތެރިންނާއި އަދި މި ހާދިސާއިން އަސަރުކުރި އެންމެންނާއެކު،" ބޯއިންގ އެއަރޕްލޭންސްއިން ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!