އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ހިންގި ބަހުގެ ހަނގުރާމައިގައި އޭނާ ކުރެއްވި ބައެއް ޕޯސްޓްތަކާމެދު ހިތާމަކުރައްވާ ކަމަށް ބިލިއަނަރު އީލޮން މަސްކް ވިދާޅުވެއްޖެއެވެ.
"އެ ޕޯސްޓްތައް މާ ހައްދުފަހަނައަޅައި ދިޔައީ،" އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ލިޔުއްވިއެވެ.
ސްޕޭސް އެކްސް އަދި ޓެސްލާގެ ވެރިޔާ މަސްކާއ، ޓްރަމްޕާއި ދެމެދު ދެބަސްވުން އުފެދުނީ، މަސްކް ވައިޓް ހައުސްގެ މަޤާމުން ފެޔަށް ޖެހިވަޑައިގެންނެވުމަށްފަހު ޓްރަމްޕްގެ ޓެކްސް ބިލަކީ "ހަޑިމުޑުދާރު ނުބައި އެއްޗެއް" ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. އެއަށްފަހު ދެ ބޭފުޅުން ވަނީ ބަހުގެ ހަމަލާތައް ބަދަލުކުރަށްވާފައެވެ.
މި ދެބަސްވުމަށްފަހު ޖޫން 7 ވަނަ ދުވަހު އެމެރިކާގެ އެމްބީސީ ނިއުސް ދެއްވި ބަސްދީގަތުމެއްގައި މަސްކް ހުރީ ބުއްދި ގޯސްވެފައިކަމަށް ޓްރަމްޕް ވަނީ ސިފަކުރަށްވާފައެވެ. އަދި މަސްކާއި އޮތް ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް އެދުވަހު ވިދާޅުވިއެވެ. ނަމަވެސް ބުދަ ދުވަހު ނިއު ޔޯކް ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕްވަނީ މަސްކާއެކު އެކުވެރިކަން އާކުރުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެފައެވެ. އަދި މި މައްސަލައާ ގުޅިގެން "ކުޑަކޮށް ހިތްހަމަނުޖެހޭ" ކަމަށާއި، ނަމަވެސް "އެއްވެސް ނުތަނަވަސްކަމެއް ނެތް" ކަމަށް ވިދާޅުވެފައެވެ.
"އޭނާ އެހެން ބުނެފައިވާތީ ވަރަށް ދެރަވާނެ ކަމަށް އަހަރެން ހިތަށްއަރާ،" މަސްކްގެ ހަރުކަށި ސޯޝަލް މީޑިއާ ޕޯސްޓްތަކާ ބެހޭގޮތުން ޓްރަމްޕް ވިދާޅުވިއެވެ.
މަސްކްގެ ފާޑުކިޔުން އަމާޒުވި ބޮޑެތި ޓެކްސް ލުއިތަކާއި އިތުރު ދިފާއީ ޚަރަދުތައް ހިމެނޭ ބަޖެޓް، ފާއިތުވި މަހު ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ފާސްކުރުމަށްފަހު މިހާރު ވަނީ ސެނެޓަރުންގެ ވިސްނުމަށް ހުށަހަޅާފައެވެ.
މި ބިލާއި ގުޅިގެން މަސްކް ވަނީ ވޮޝިންގްޓަންގައި ތިބި އެމީހުންގެ ރެޕްރެޒެންޓޭޓިވުންނަށް ގުޅައި "މި ބިލް މަރާލުމަށް" މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ. ސަބަބެއްކަމަށް ދެއްކެވީ އެ ބިލުގެ ސަބަބުން އަހަރުގެ ދެވަނަ ކުއާޓާރގައި އިގްތިސާދަށް ލޮޅުން އަރައި، އެމެރިކާގެ އިގްތިސާދު ހީނަރުވެގެންދާނެކަމަށް ވިދާޅުވެއެވެ.
ޓްރަމްޕާއި މަސްކްގެ ގުޅުން ފާލުން ނައްޓައި، މަސްކް ވަނީ މަރުވެފައިވާ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގުޅުންހުރި ސަރުކާރުގެ ސިއްރު ފައިލްތަކުގައި ޓްރަމްޕް ހިމެނޭ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މަސްކްގެ މި ތުހުމަތު ވައިޓް ހައުސްއިން ވަނީ ދޮގުކޮށްފައެވެ.
ޖަވާބުގައި ޓްރަމްޕް ވަނީ މަސްކް ވަނީ "ބުއްދި ގެއްލިފައި" ކަމަށް ވިދާޅުވެ، އޭނާގެ ސަރުކާރުގެ ކޮންޓްރެކްޓްތައް ބާޠިލުކުރާނެ ކަމަށް އިންޒާރު ދެއްވާފައެވެ. މި ކޮންޓްރެކްޓްތަކުގެ އަގު 38 ބިލިއަން ޑޮލަރު (28 ބިލިއަން ޕައުންޑް) އަށް އަރައެވެ. މީގެ ބޮޑު ބައެއް ލިބެނީ މަސްކްގެ ސްޕޭސް ޓެކްނޮލޮޖީ ކުންފުނި ސްޕޭސްއެކްސްއަށެވެ.
"އަހަރެން ހިތުން މިއީ ވަރަށް ނުބައި ކަމެއް، އެއީ އޭނާ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރި. ރައީސްގެ މަޤާމަށް އެވަރުގެ ނުރުހުމެއް ފާޅުކޮށްގެން ނުވާނެ،" އާދިއްތަ ދުވަހު އެންބީސީއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވިއެވެ.
ހަފްތާ ބަންދުގައި މަސްކް ވަނީ އޭނާގެ ގިނަ ޕޯސްޓްތައް ޑިލީޓްކުރައްވާފައެވެ. މީގެ ތެރޭގައި ޓްރަމްޕް އިމްޕީޗްކުރުމަށް ގޮވާލި ޕޯސްޓެއްވެސް ހިމެނެއެވެ.
މަސްކްއަކީ ޓްރަމްޕްގެ 2024 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނަށް އެންމެ ބޮޑު ހޭދައެއް ކުރެއްވި ފަރާތެވެ. އަދި ޓްރަމްޕްގެ ''ކަނާތްޕުޅުގެ' ގޮތުގައި ބެލެވުނު ފަރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!