ހިޔަލަ ގްރޫޕްގެ މަޝްހޫރު ޢީދު ލަވަ "ބޯމަތިވަނީ"، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީވީއެމުން ބްރޯޑްކާސްޓްކޮށްފައިވަނީ އެ ގްރޫޕްގެ ހުއްދަނެތި ކަމަށް ބުނެ، މި މައްސަލައާ ގުޅިގެން ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ހިޔަލަ ގްރޫޕުން އިއްޔެ ބުނެފިއެވެ.
ޓީވީއެމްއިން ގެނެސްދިން ޢީދު ކަވަރޭޖްގެ ތެރޭގައި "ބޯމަތިވަނީ" ލަވަ ދައްކާފައިވަނީ އެއީ ލިބިފައިވާ ހަދިޔާއެއް ކަމަށް ބުނެއެވެ. ނަމަވެސް، މި ޢަމަލާމެދު ހިޔަލަ ގްރޫޕުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
"އަޅުގަނޑުމެންގެ ހުއްދައެއް ނެތި އަޅުގަނޑުމެންގެ ޢީދު ލަވަ 'ބޯމަތިވަނީ' ޓީވީއެމްއިން ފޮނުވާފައިވާތީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވެ ހިތާމަކުރަން،" ހިޔަލަ ގްރޫޕުން އެ ގްރޫޕްގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފަވެއެވެ.
"އެއްވެސް ހާލެއްގައި އަޅުގަނޑުމެން ޓީވީއެމްއަށް ނުވަތަ އެހެން އެއްވެސް ޗެނަލަކަށް މި މަސައްކަތް ފޮނުވުމުގެ ނުވަތަ ބެހުމުގެ ހުއްދައެއް ދީފައެއް ނުވާނެ." ހިޔަލަ ގްރޫޕުން ބުނެފަވެއެވެ.
ހިޔަލަ ގްރޫޕުން އިތުރަށް ބުނެފައިވަނީ މި ޢަމަލަކީ އެ ގްރޫޕްގެ ޙައްޤުތަކަށް އަރައިގަތުމެއް އެކަނި ނޫން ކަމަށާއި، އަދި މި ޢަމަލަކީ ޕްރޮފެޝަނަލްކަން ވެސް ކުޑަ ޢަމަލެއް ކަމަށެވެ. އަދި މި މައްސަލައަށް ވަރަށް ސީރިއަސްކޮށް ބަލާ ކަމަށާއި، މި ޚިލާފުވުމާ ގުޅޭގޮތުން ޤާނޫނީ ފިޔަވަޅުތައް އެޅުމަށް މިހާރު ދަނީ ބަލަމުން ކަމަށްވެސް ހިޔަލަ ގްރޫޕުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ޕީއެސްއެމްގެ ފަރާތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހިޔަލަ ގްރޫޕްގެ މިލަވައަކީ 5 ޖޫން 2025 ގައި އެ ގްރޫޕްގެ ރަސްމީ ޔޫޓިއުބް ޗެނަލްގައި ރިލީޒްކޮށްފައިވާ ލަވައެވެ. މިހާތަނަށް އެ ލަވަ 96،000 އަށް ވުރެ ގިނަ މީހުން ޔޫޓިއުބްގައި ބަލާފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!