ކުޅުދުއްފުށި ސިޓީގައި މިއަހަރުގެ އަޟްހާ ޢީދު ވެސް ފާހަގަކުރެވިގެން ދިޔައީ ކުލަގަދަ އަދި އެހާމެ ފުރިހަމަކޮށް މުއްސަނދި ސަގާފަތާއެކު ގިނަ ހަރަކާތްތަކެއް ހިމެނޭހެން ފޯރިގަދަކޮށެވެ.
1446 ވަނަ އަހަރުގެ ބޮޑު ޢީދު ކުޅުދުއްފުށީގައި މިހާ ފުރިހަމަ އަށް ފާހަގަ ކުރެވިގެން ދިޔައީ އީދުގެ އެންމެހާ ކަންކަން ވިލަރެސްކުރުމުގައި ސިޓީ ކައުންސިލުން ވަރަށް ބޮޑު އެއްބާރުލުމެއް ދީގެންކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ޢީދުގެ ފެށުމުގެ ގޮތުން ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ކުޅުދުއްފުށީގެ ފަންނުވެރިންގެ މެދުގައި ސަޤާފީ ކުޅިވަރު އާލާކުރުމާއި ރަށުގެ އިޖްތިމާއީ އަދި އަހުވަންތަ ކަމުގެ ރޫހު އާލާކުރުމުގެ ގޮތުން ރަށުގެ 7 ގެއެއް ސަގާފީ އަދި ޒަމާނީ ގޮތްގޮތުން ޒީނަތްތެރިކޮށްގެން ބޭއްވި ކުރުނބާ ޢީދު މުބާރާތުންނެވެ. މި މުބާރާތުގައި ބައިވެރިވި އެންމެ މޮޅު ގެއަކަށް 10,000 ރުފިޔާގެ ޖާއިޒާއެއް ދިނުމަށް ސިޓީ ކައުންސިލުން ވަނީ ހަމަޖައްސާފައެވެ.
ކުޅުދުއްފުށީގައި ބޮޑު އީދު ފާހަގަ ކުރުން/ކުރުނބާ އީދުގެ އައިޓަމެއް، ފޮޓޯ: ސިޓީ ކައުންސިލް
އަދި ހަމަ ޢީދު ވިލޭރޭ ދައްސޫރާ ބޮޑުބެރު ގްރޫޕުން ވަނީ ޒުވާނުންގެ އުފެއްދުންތެރިކަން ދައްކައިދިނުމުގެ ގޮތުން މައިގަނޑު ގޮތެއްގައި ފަނުން ތައްޔާރުކޮށްފައިވާ ޢީދު މާލީ ތަކެއް ހިމެނޭހެން މާލި ޕެރޭޑެއް ބާއްވާފައެވެ. ކުރިން އަހަރެކޭ އެއްފަދައިން މިއަހަރުވެސް ބޮޑު މަގުބޫލުކަމެއް ލިބިގެން ދިޔަ މި މާލި ޕެރޭޑުގައި މާރިނދާއި، ހަތްބޯރާހި، ދިގު މީހުން، ހާހެޅޭ، ބޯވަދިލަމަސް އަދި ދޫނި މާލިތަކުގެ އިތުރުން ބޮޑު މަސް ހިމަނައިފައިވެއެވެ.
ކުޅުދުއްފުށީގައި ބޮޑު އީދު ފާހަގަކުރުން، މާލި ޕެރޑްގެ ތެރެއިން، ފޮޓޯ: ސިޓީ ކައުންސިލް
މި ކުޅިވަރުގެ އިތުރުން، މިދިޔަ އަހަރު ބޮޑު ޢީދުގައި ތަޢާރަފް ކުރި ޚާއްޞަ ސަމާލުކަމެއް ލިބުނު "ނަމުރު" ކުޅިވަރަކީ މަގުލަސް ކުލަބާއި މިސްގާލް ބޮޑުބެރު ގްރޫޕް ގުޅިގެން މިއަހަރުވެސް ބާއްވާފައިވާ ކުޅިވަރެކެވެ. މި ކުޅިވަރުން ރަދުންގެ ދަރިކަލެއްގެ ދަތުރުގެ ވާހަކަ ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ވަނީ ހާމަކޮށްދީފައެވެ.
ކުޅުދުއްފުށީގައި އީދު ފާހަގަކުރުން، ނަމުރު ކުޅިވަރުގެ ތެރެއިން، ފޮޓޯ: ސިޓީ ކައުންސިލް
އަދި ސިޓީގައި ޢީދާއި ގުޅިގެން ހަވާ އަރުވައި، ރާއްޖޭގެ މަޤުބޫލު ފަންނާނުންނާއި މަޝްހޫރު ބޮޑުބެރު ގްރޫޕްތަކުންވެސް ކުޅުދުއްފުއްޓަށް އައިސް، ޖެހި ޖެހިގެން ތިން ރޭ ވަނީ ޢީދު ޝޯވ ބާއްވާފައެވެ. މީގެ އިތުރުން ކުޑަކުދިންގެ ހަވީރާއި ކްލަބް ކޮރަލސް އިން ކޮންމެ ޢީދާކާއި ދިމާކޮށް އަންހެން އަދި ފިރިހެން ވާދެމުމާއި ފައިގަތަޅާ ފަދަ ކުޅިވަރުތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޢީދުގެ ދެވަނަ ދުވަހު ހަވީރު ވަނީ މުޅި ރާއްޖެއަށްވެސް މަޝްހޫރުވެފައިވާ ކުޅުދުއްފުއްޓަށް ޙާއްސަ "މަށި މާލި ޕެރޭޑް" ބާއްވާފައެވެ. މި ޕެރޭޑުގައި ރަށުގެ ރައްޔިތުން ކުރީޒަމާނުއްސުރެއް ގެންގުޅޭ އާދަކާދައާއި ސިޔާސީ އަދި އިޖްތިމާޢީ މައްސަލަތަކާ ގުޅޭ ގޮތުން ޝުޢޫރުތައް ވަނީ މާލީގެ ޒަރިއްޔާއިން ފާޅުކޮށްދީފައެވެ.
ކުޅުދުއްފުށީ މަށި މާލި ޕެރޭޑްގެ ތެރެއިން، މިއީ ވެސް ކޮންމެ ބޮޑު ޢީދެއްގައި އެ ރަރަށުގައި ބާއްވާ ޕެރޭޑެއް، ފޮޓޯ: ސިޓީ ކައުންސިލް
މީގެ އިތުރުން އަންހެނުންނަށް ޚާއްޞަ ހަރކާތްތަކުގައި ހިމެނޭ "ރާނީ ހިނގުން" އާއި ފިރިހެނުންނަށް އަމާޒުކޮށްގެން "ބޮޑު ފައިވާން ހިނގުން" އަދި 12 އަހަރުން މަތީގެ ފިރިހެން ބޭފުޅުން "ހިއްޗައް ވަޑައިގަތުން" ފަދަ އުފެއްދުންތެރި ހަރަކާތްތައް ބޭއްވުނެވެ. އަދި ދުވަސްތަކަށް ބަހާލައިގެން އަންހެން އަދި ފިރިހެން ޖިންސު ވަކި ވަކިން ކޯޑި އަދި ދަފި ނެގުމާއި ބަނދު ދުއްވުން ވެސް މި ޢީދުގައި ހިމެނުނެވެ.
ކުޅުދުއްފުށީގައި ދީދު ފާހަގަކުރުމުގެ ތެރެއިން ހިއްޗަށް ވަޑައިގަތުން އައިޓަމްގެ ތެރެއިން، ފޮޓޯީ: ސިޓީ ކައުންސިލް
އަދި ދެ ޖިންސު ހިމެނޭ ހަރަކާތްތަކުގެ ތެރޭގައި ކުރީޒަމާނުގެ ކައިވެނީގެ ސަޤާފަތް ދައްކުވައިދޭ ހަރަކާތެއް ކަމަށްވާ "ކައިވެނި ސައި" ކިޔާ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި އަންހެން ބޭފުޅުން ރަތް ލިބާސް ލައިގެން ރަށުގެ އަމީނީ މަގުން ކައިވެނީގެ މާލަމަށް ތެއްޔެއް ބޮލަށް ލައިގެން ދާ މަންޒަރުން ފެށިގެން ކައިވެނި ކޮށްދީ، ކައިވެނި ކުރެވުނު ދެމަފިރިންނަށާއި ކައިވެނީގައި ބައިވެރިވި ފަރާތްތަކަށް ސަޤާފީ ކެއުމެއް އަރުވައެވެ.
ކުޅުދުއްފުށީގައި އީދު ފާހަގަކުރުން، ކައިވެނި ސައި އައިޓަމްގެ ތެރެއިން، ފޮޓޯ: ސިޓީ ކައުްންސިލް
ޢީދު ކުޅިވަރުތައް ނިންމުމުގެ ގޮތުން، ޢީދުގެ އެންމެ ފަހު ދުވަހުގެ ރޭ ޒަމާނުންސުރެއް ކުޅުދުއްފުށީގައި ބާއްވަމުން އަންނަ "ދަމު ހިނގުން" ގައި ރަށުގެ އެންމެހައި ރައްޔިތުން ބައިވެރިވެ، ސަޤާފީ ކަންކަން ދައްކުވައިދިނުމާއެކު ބޮޑުބެރުގެ އަޑުންނާއި ޒަމާންވީ ލަވަތަކުން މުޅި މާހައުލު އިތުރަށް ކުލަގަދަކުރެވުނެވެ. އަދި މި ހަރަކާތުގައި ރަށުގެ އެކި އުމުރުފުރައިގެ ރައްޔިތުން ޢީދު ފާހަގަކުރުމުގެ ހަރަކާތްތަކުގައި ފުޅާ ދާއިރާއެއްގައި ބައިވެރިވެފައިވާކަން ވެސް ފާހަގަކުރެވުނެވެ.
ކުޅުދުއްފުށީގައި ބޮޑު ފާހަގަކުރުން/ދަމު ހިނގުން، ފޮޓޯ: ސިޓީ ކައުންސިލް
ޢީދު ނިމިގެންދިޔައިރު، ގިނަ ރައްޔިތުން ފާޅުކުރި ޝުޢޫރަކީ މިއަހަރުގެ ޢީދަކީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު އިސްތިސްނާ އަދި ހަނދާންނައްތާނުލެވޭފަދަ ޢީދެއްކަމެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައިވެސް މިފަދަ ގޮތަކަށް ޢީދު ފާހަގަކުރުމަކީ ގިނަ ރައްޔިތުން އެދޭކަމެކެވެ.
ކުޅުދުއްފުށީގައި އީދު ފާހަގަކުރުން، ތަފާތު ގިނަ އައިޓަމްތަކެއް ވަނީ ފެނިގެން ގޮސްފައި، ފޮޓޯީ: ސިޓީ ކައުންސިލް
ޚުލާޞާކޮށް ބަލާއިރު، މިއަހަރުގެ އަޟްހާ ޢީދަކީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް ވަރަށް ޚާއްޞަ އަދި ހަނދާންނައްތާނުލެވޭފަދަ ޢީދެއްކަމާއި ސަޤާފީ އަދި ޒަމާނީ ހަރަކާތްތައް އެއްކޮށްލައިގެން، އެކި އުމުރުފުރައިގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު މި ޢީދަކީ ކުރިއަށް އޮތް އަހަރުތަކުގައިވެސް މިސާލަކަށް ވެގެންދާނެ ޢީދެއްކަން ކަށަވަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!