ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން ބަލިކޮށް، ޕޯޗުގަލުން މުބާރާތް ކާމިޔާބު ކޮށްފިއެވެ.
ރޭ ޖަރުމަނުގެ ބަޔާން މިއުނިކްގެ ސްޓޭޑިއަމް ކަމަށްވާ އެލިއަންޒް އެރީނާގައި ކުޅުނު ފައިނަލު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެހާފު ކުޅެ ނިމުނު އިރުވެސް މެޗުގެ ނަތީޖާ އޮތީ 2-2 އިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޕޯޗުގަލުން ކުރި ހޯދީ 5-3 ގެ ނަތީޖާއިންނެވެ.
މިއީ ޕޯޗުގަލް މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައިވަނީ 2018 ވަނަ އަހަރުއެވެ. އެ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޕޯޗުގަލުންނެވެ. މި އަހަރުގެ ތައްޓާއިއެކު ނޭޝަންސް ލީގުގެ އެންމެ ކާމިޔާބު ޓީމުގެ ޝަރަފް ވަނީ ޕޯޗުގަލްއަށް ލިބިފައެވެ.
ރޭ މެޗުގައި ޕޯޗުގަލްއަށް ލަނޑުތައް ޖަހައިދިނީ ނޫނޯ މެންޑޭޒްއާއި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ސްޕެއިނަށް ލަނޑުތައް ޖަހައިދިނީ އޮޔާޒަބަލްއާއި ޒުބިމެންޑީއެވެ.
ޕެނަލްޓީގައި ޕޯޗުގަލުން ފަސް ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެ ޕެނަލްޓީތައް ޖެހީ ރާމޯސް، ވިޓީނިއާ، ބުރޯނޯ ފެނާންޑޭޒް، ނޫނޯ މެންޑޭޒް އަދި ރުބެން ނެވޭސްއެވެ. ސްޕެއިނުން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން މޮރާޓާ ފޮނުވާލި ޕެނަލްޓީ ޕޯޗުގަލްގެ ކީޕަރު މަތަކުރިއިރު، އެ ޓީމަށް ޕެނަލްޓީތައް ކާމިޔާބު ކޮށްދިނީ މެރީނޯ، އަލެކްސް ބައޭނާ އަދި އިސްކޯއެވެ.
މިއީ މި މުބާރާތް ބޭއްވި ހަތަރު ވަނަފަހަރެވެ. ޕޯޗުގަލްގެ އިތުރުން މި މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ސްޕެއިން އަދި ފްރާންސްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!