ރައީސް ޑރ. މުޙައްމަދު މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ދިވެހި ޙައްޖާޖީންގެ ހާލު ބެއްލެވުމަށްޓަކައި ވަޒީރުންގެ ވަފުދެއް މިނާ ފޭލިގެއަށް ޒިޔާރަތްކުރައްވައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި މި ޓީމު މިނާ ފޭލިއަށް ޒިޔާރަތްކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

Ad
rt

މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޙައްޖުގެ އަޅުކަމަށް ރައީސްގެ ްއަރިހުގައި ވަޑައިގެންނެވި ވަޒީރުންނެވެ.

އެ ވަޒީރުންނަކީ، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އަދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ. މީގެ އިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފް ވެސް މި ވަފުދުގައި ހިމެނިވަޑައިގަންނަވައެވެ.

މި ޔާރަތުގެ ތެރޭގައި ވަޒީރުން ވަނީ ޙައްޖުވެރިންނާއި، ޙައްޖު ކޯޕަރޭޝަންގެ އިސްވެރިންނާއި އަދި މުޠައްވިފްގެ ބޭފުޅުންނާ ބައްދަލުކުރައްވާ، ޙައްޖުވެރިންގެ ހާލު އޮޅުންފިލުއްވާފައެވެ.

މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ގޮސްފައިވާ 1000 ޙައްޖުވެރިން ވަނީ ޢަރަފާތާއި މުޛްދަލިފާގެ ރުކުން ފުރިހަމަކުރުމަށްފަހު، ބޮޑު ޖަމްރާއަށް ހިލައުކާ އިޙްރާމުން ހަލާލުވެފައެވެ.

މިވަގުތު ހުރިހާ ޙައްޖުވެރިންވެސް ތިއްބެވީ މިނާ ފޭލިގެތަކުގައިކަމަށް
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.