ށ. ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައި އެ އެއާޕޯޓް ބަންދުކޮށްފައި އޮތުމަށްފަހު، މިހާރު މައްސަލަ ހައްލުކޮށް އަލުން އޮޕަރޭޝަންތައް ފެށިފައިވާ ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން މިއަދު ވިދާޅުވެއްޖެއެވެ.
އެއާޕޯޓްގެ އޮޕަރޭޝަންތައް މެދުކަނޑާލަން ޖެހުނީ ފަޔަރ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މިކަމާ ގުޅޭގޮތުން އަހްމަދު މުބީން ވިދާޅުވީ، "މިދަނޑިވަޅުގައި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް އާރު.އޭ.ސީ.އެލްއިން އަބަދުވެސް ކަށަވަރު ކުރާނެ" ކަމަށެވެ.
އާރު.އޭ.ސީ.އެލްގެ މެނޭޖިން ޑިރެކްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުންފުނިން ބަލަހައްޓަމުން އަންނަ ހުރިހާ އެއާޕޯޓްތަކެއްގައިވެސް ހުރީ ދުވަސްވެ ބާވެފައި ހުރި ފަޔަރ ޓްރަކްތަކެކެވެ. ނަމަވެސް، މި ޓްރަކްތައް އައު ކުރުމުގެ މަސައްކަތް މިހާރުވަނީ އެމް.އޭ.ސީ.އެލްއާއި އަދި ކަމާގުޅުން ހުރި އިދާރާތަކާ ގުޅިގެން ފެށިފައެވެ.
މި މައްސަލަ ދިމާވެފައިވަނީ އީދު ބަންދުގައި ގިނަ ބަޔަކު ދަތުރުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. މޯލްޑިވިއަން އިން ބުނެފައިވާ ގޮތުގައި، ފުނަދުއަށް ދާން ޓިކެޓް ނަގާފައިވާ ފަސިންޖަރުންނަށް އެހެން ގޮތްތަކެއް ހޯދައިދިނުމުގެ މަސައްކަތް ކުރެވުނެވެ. އަދި މި މައްސަލައާ ގުޅިގެން ކުރިމަތިވި ދަތިތަކަށް މޯލްޑިވިއަންއިން ވަނީ މަޢާފަށް އެދިފައެވެ.
އާރު.އޭ.ސީ.އެލްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މުބީން ވިދާޅުވީ، މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތްކުރާނެ ކަމަށާއި، ރައްޔިތުންނަށް އެންމެ ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!