މިއީ 7 އޮކްޓޯބަރު 2023 ގައި، ފަލަސްތީނާ ދެކޮޅަށް އިސްރާއީލޭ ކިޔުނު ޖައްބާރުންގެ އަނިޔާވެރި ހަނގުރާމަ ފެށިފަހުން ޣައްޒާ އާއި ފަލަސްތީނު ރައްޔިތުންނާ ބައްދަލުކުރާ ދެވަނަ އަޟްހާ ޢީދެވެ.

ޢީދުގެ ފުރަތަމަ ދުވަހު ވެސް ފެށިގެން އައީ އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 32 މީހަކު ޝަހީދުކޮށްލި ހިތާމަވެރި ޚަބަރާ އެކުގައެވެ. މިއީ އެރަށްޔިތުންނަށް އާ ކަމަކަށް ނުވިޔަސް މުސްލިމުންގެ ޢީދު އުފަލުން ކުޑަ މިންވަރެއް ވެސް ލިބޭތޯ އެ ރައްޔިތުން ވެސް އުންމީދު ކުރެއެވެ.

Ad
rt

މިއަދު އެންމެ ކަރުއެޅި އެއް ބަޔަކީ އެ ބަޔެއްގެ ދެލޮލުގެ ނޫރު ކަމުގައިވާ ދަރީން ޝަހީދުކޮށްލުމުން އެ ހިތާމާގައި ތިބި ޣައްޒާގެ މައިންނެވެ.

އީދު ދުވަހު ޣައްޒާގެ މަންމައަކާއި ޢާއިލާ ޝަހީދުކޮށްލެވިފައިވާ ދަރިންގެ ހަނދާނުގައި ހިތާމާގައި

އޭގެ ތެރެއިން ބައެއް މައިންގެ ވޭނީ އުދާސްތައް ރޮއިޓާސް ނިއުސް އޭޖެންސީންނާއި އަލް ޖަޒީރާއިން ވަނީ ގެނެސްދީފައެވެ.

ހިތާމައިން މޮޅިވެ މާޔޫސީ ހާލުގައިވާ ފަލަސްތީނު މައިން ބުނެފައި ވަނީ، މިއީ އެމީހުން ހަނގުރާމައިގެ ތެރޭގައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ފާހަގަކުރަން ޖެހުނު އަޟްހާ ޢީދު ކަމަށެވެ. އަދި މިއީ މިހާތަނަށް ދުއް އެންމެ ހިތްދަތި ޢީދުކަމަށް އެ މައިން ބުނެފަވެއެވެ.

ޣައްޒާގައި ޢީދު ނަމާދު ކުރަނީ

މިއަދު އެމައިން ވަނީ ހަނގުރާމާގައި ޝަހީދުކޮށްލެވިފައިވާ ދަރީންގެ ގަބުރުތައް ވަޅުލާފާފައިވާ ގަބުރަސްތާނަށް ޒިޔާރަތްކޮށްފައެވެ. އެ މަންމައިން ބުނަމުން ދިޔައެވެ. އެއީ އަނިޔާވެރިކަމެކެވެ. އަނިޔާގެ އިންތިހާއެވެ.

"އަޅުގަނޑުމެން ޢީދުލް އަޟްޙާ ފާހަގަކުރަނީ ޖެހިޖެހިގެން ދެވަނަ އަހަރަށް، ބޮންތަކާއި، ހަމަލާތަކާއި، މަރުވުމާއި، ބަނދުކުރުމާއި އަދި ބަނޑުހައިހޫނުކަމުގެ ތެރޭގައި، އިންސާނުންނަށް ކުރެވިދާނެ ހުރިހާ ބާވަތެއްގެ އަނިޔާވެރިކަމެއްގެ ތެރޭގައި،" ޣައްޒާގެ މަންމައެއްކަމަށްވާ އުއްމު އަޙްމަދު ޢަވީދާ ރޮއިޓަރސްއަށް ބުނެފަވެއެވެ.

ފަލަސްތީނުގެ ދެ މަޔަކު ޝަހީދުކޮށްލާފައިވާ ދަރިންގެ މަހާނަ ކައިރީ، ފޮޓޯ: އޭއެފްޕީ

އެއިރު އުއްމު އަޙްމަދު ޢަވީދާ އިނީ ޝަހީދުކޮށްލާފައިވާ އޭނާގެ ދަރިފުޅުގެ މަހާނަ ކައިރީ އިށީނދެގެންނެވެ. އޭނާގެ ދެ ކޯތާފަތްމަތިން ކަރުނަ ފައިބަ ފައިބާ ހުއްޓެވެ. އަހަރެމެނަށް އަޅާލައި އޯގާވާނީ ކޮންބަޔެއްހޭ ބުނާ ކަހަލައެވެ. އަހަރެމެންގެ އަމިއްލަ ބިމުގައި ދިރި އުޅުމަކީ ކުށަކަށްވީ ކީއްވެތޯ އަހާކަހަލައެވެ. އަހަރެމެން މި އަނިޔާއިން މިންޖުކޮށް ރައްކާތެރިކަން ދޭނީ ކާކުތޯ ބުނާކަހަލައެވެ. ހިތް ފަޅައިގެން ދާހާވެއެވެ.

ޣައްޒާގެ ކުޑަ ދެ ކުއްޖަކު ގަބުރަސްތާނުގަައި

"އަޅުގަނޑުމެންގެ ދަރިންނާއެކު އަޅުގަނޑުމެން ވަރަށް ގިނަ ޤުރުބާނީތައް ވެއްޖެ، އަޅުގަނޑުމެންގެ ގެދޮރާއި އަޅުގަނޑުމެން އަމިއްލައަށްވެސް ގެއްލިއްޖެ، ދެން އެއްވެސް އެއްޗެއް ނެތް."
ދަރިފުޅުގެ މަހާނަ ކައިރީ ރޯން އިން އެހެން މަންމައެއްކަމަށްވާ ސުހޭރު ޝެކްފާ ބުނަމުން ދިޔައެވެ.

"އޭނާ ދިޔައީއްސުރެ އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ އެއްވެސް ދަރިއެއް ނެތްހެން،" އޭނާ ވިދާޅުވިއެވެ. "ގޭގެ ހިނިތުންވުން ގެއްލިއްޖެ." ސުހޭރު ޝެކްފާ، އޭނާގެ ހަ ދަރިންގެ ތެރެއިން ހަތަރުވަނަ ދަރިފުޅު ކަމުގައިވާ ޢަބްދުއްސަލާމްގެ ގަބުރަށް ޒިޔާރަތްކުރިއިރު ކަކޫމައްޗަށް ތިރިވެ ރޮމުން ބުންޏެވެ.

ޣައްޒާގައި މިއަދު ޢީދު ނަމާދު ކުރަނީ

ޣައްޒާގައި ދެވަނަ އީދުލްއަޟްޙާ ފާހަގަކުރަމުންދަނީ ހަނގުރާމައިގެ ވޭނުގައެވެ. އާންމުކޮށް އުފާވެރި ދުވަހެއްގެ ގޮތުގައި ފާހަގަކުރާ އީދު މިއަހަރު ވެސް ދިމާވީ ހިތާމައާއެވެ. އިޤްތިޞާދީ އަދި އިންސާނީ ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ޣައްޒާގެ ރައްޔިތުން ވަނީ މިސްކިތްތައް ވީރާނާވެ، އާދަޔާ ޚިލާފު ހާލަތެއްގައެވެ. ކުޑަކުދިންނަށް އައު ހެދުމާއި ހަދިޔާ އަދި ޤުރުބާނީ ކުރާނެ ޖަނަވާރު ގަތުމުގެ ފުރުޞަތު ވަނީ ގެއްލިފައެވެ. މުޅި މާހައުލު ވަނީ ހަލާކުވެ ވީރާނާވެފައެވެ. މިއީ އެންމެ އުނދަގޫ އީދު ކަމަށް ޣައްޒާގެ ރައްޔިތުން ސިފަކުރެއެވެ.