މޯލްޑިވިއަން އެސޯސިއޭޝަން ފޯރ ޕްރޮކިއުމެންޓް އެންޑް ލޮޖިސްޓިކުސް އެމްޕްލޯޔީސް (މެޕްލް) ގެ ނަމުގައި އައު ޖަމްޢިއްޔާއެއް ރަޖިސްޓްރީ ކޮށްފި އެވެ.

މި ޖަމްޢިއްޔާ ރަޖިސްޓްރީ ކުރެވިފައިވަނީ ޤާނޫނު ނަންބަރު 2022/3 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސްގައެވެ.

Ad
rt

މި ޖަމްޢިއްޔާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި، ޕްރޮކިއުމެންޓް، ލޮޖިސްޓިކުސް އަދި ސަޕްލައި ޗެއިންގެ ދާއިރާއަށް ދިވެހި ޒުވާނުން ނެރުމާއި، ދިވެހި ސަޕްލަޔަރުންގެ އުފެއްދުންތައް ރިސޯޓުތަކަށް ވިއްކުމުގެ މަގު ތަނަވަސްކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން، ރާއްޖެއާ ގުޅޭ ދެމެހެއްޓެނިވި ޕާޗޭސިންގ ޕޮލިސީތައް ތަޢާރަފްކުރުމަށް މަސައްކަތްކުރުމާއި، ދިވެހި ޕާޗޭސިންގ މެނޭޖަރުންގެ ނިސްބަތް އިތުރުކުރުމަށްވެސް މަސައްކަތް ކުރާނެއެވެ.

މި އެސޯސިއޭޝަނަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ ގިނަ ދިވެހި ޒުވާނުން އަމިއްލައަށް އިސްނަގައިގެން އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. ޖަމްޢިއްޔާގެ ފައުންޑަރ މެމްބަރުންގެ ގޮތުގައި ހިމެނެނީ ޅ. ކުރެންދޫ ސޯސަންގެ އަޙްމަދު ޢަބްދުއްރަޙްމާން، ޏ. ފުވައްމުލަކު ދޫޑިގަން މިލާނޯ މުޙައްމަދު މަމްދޫޙް ނޫމާން އަދި ޅ. ކުރެންދޫ ކޯރަމް އިބްރާހީމް ޝިމާޢުއެވެ.

ޖަމްޢިއްޔާގެ ހިންގާ ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުޞަތު ވަރަށް އަވަހަށް ހުޅުވާލެވޭނެ ކަމަށް ޖަމްޢިއްޔާއިން މަޢުލޫމާތު ދެއެވެ. މި ޖަމްޢިއްޔާ އުފެދުމާއެކު، ދިވެހިރާއްޖޭގެ ޕްރޮކިއުމެންޓް އަދި ލޮޖިސްޓިކްސް ދާއިރާގައި ދިވެހިންގެ ދައުރު އިތުރުވެ، ދިވެހި އުފެއްދުންތަކަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.