ޖަރުމަނުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައި، 2-1 ގެ ނަތީޖާއިން ޖަރުމަނު ބަލިކޮށް ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުން ޕޯޗުގަލް ޖާގަ ހޯދައިފިއެވެ.

ރޭ ޖަރުމަނުގެ އެލިއެންޒް އެރީނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ޕޯޗުގަލް އިން ޖަރުމަނުގެ މައްޗަށް ހޯދި ކާމިޔާބަކީ އެ ޓީމަށް ވަރަށް ހާއްސަ ކާމިޔާބެކެވެ. ސަބަބަކީ ޖަރުމަނު އަތުން ޕޯޗުގަލްއަށް ފާއިތުވި 25 ހަކަށް އަހަރުތެރޭ މޮޅެއް ހޯދިފައި ނެތުމެވެ. އެންމެ ފަހުން ޖަރުމަނު އަތުން ޕޯޗުގަލް މޮޅުވެފައި ވަނީ 2000 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައެވެ. އެ މެޗުގައި ޕޯޗުގަލް އިން ވަނީ 3-0 ގެ ނަތީޖާއިން ޖަރުމަނު ބަލިކޮށްފައެވެ. އޭގެފަހުން މި ދެ ޓީމް ވަނީ ރޭ މެޗައި ނުލައި ފަސް ފަހަރެއްގެ މަތީން ބައްދަލު ކޮށްފައެވެ. އެ ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްފައި ވަނީ ޖަރުމަނުންނެވެ.

Ad
rt

ރޭ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭގޮތެއް ނުވިއެވެ. މެޗުގެ ފުރަތަމަ ލަނޑު ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައި ޖަރުމަނަށް ޖަހައިދިނީ ފްލޮރިއަން ވިޓްޒްއެވެ. ކިމިކް ޕޯޗުގަލްގެ ޑިފެންސް މަތީން ޗިޕް ކޮށްލި ބޯޅަ ވިޓްޒް ވަނީ ބޮލުން އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

މެޗުގައި ޕޯޗިގަލް އިން ނަތީޖާ ހަމަހަމަ ކުރީ 63 ވަނަ މިނެޓުގައެވެ. މި ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފްރާންސިސްކޯ ކޮންސެސާއޯ އެވެ.

ނަތީޖާ ހަމަހަމަކުރިތާ ފަސް މިނިޓް ފަހުން، މެޗުގެ 68 ވަނަ މިނިޓްގައި ނޫނޯ މެންޑޭޒް ނަގައިދިން ހުރަހަކަށް އަރައި ރޮނާލްޑޯ ވަނީ ލަނޑު ޖަހައި ޕޯޗުގަލް މޮޅުކޮށްދީފައެވެ. މިއީ، ގައުމީ ޓީމަށް ކުޅެދިން 220 މެޗުން ރޮނާލްޑޯ ޖެހި 137 ވަނަ ލަނޑެވެ. ރޮނާލްޑޯ، 40، އަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް އޮތް ކުޅުންތެރިޔާއެވެ.

މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން އާއި ފްރާންސްއެވެ. ޕޯޗުގަލް އަކީ މި މުބާރާތް ތައާރަފްކުރި 2018 ވަނަ އަހަރުގެ ޗެމްޕިއަންނުންނެވެ.