ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މި ދެ މަގާމަށް މީހުން ހޯދުމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހަށް ހުޅުވާލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރެއިން ސަލީމާއި ހަމީދު އައްޔަން ކުރުމަށް ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމާ ގުޅިގެން، އެ މައްސަލަ 2 ޖޫން 2025 ގައި ޖުޑިޝަރީ ކޮމެޓީއަށް ފޮނުވިއެވެ.
މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި، މި ދެ ބޭފުޅުންގެ ނަން ދިރާސާކުރުމަށްފަހު، އެ ދެ ބޭފުޅުންގެ ޝަރުތު ފުރިހަމަވާ ކަމަށް ނިންމައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ރުހުންދޭން ނިންމީ ކޮމިޓީގެ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ފަނޑިޔާރު ސަލީމަކީ ހައި ކޯޓުގެ ލީގަލް އޮފިސަރުގެ މަގާމުގައި 12 އަހަރު ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2022 ވަނަ އަހަރުން ފެށިގެން ސަލީމް ގެންދަވަނީ ހައި ކޯޓުގެ ފަނޑިޔާރުކަން ކުރަށްވަމުންނެވެ. ހަމީދަކީ 2007 ވަނަ އަހަރުން 2022 ވަނަ އަހަރާ ދެމެދު ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޖޭއެސްސީގެ މެންބަރުކަންވެސް ކުރައްވާފައިވެއެވެ.
ދެން އޮންނާނެ މަރުހަލާއަކީ މި ދެ ބޭފުޅުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމާމެދު ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމެވެ. މި ދެ ބޭފުޅުން މި މަގާމަށް ޢައްޔަނުކުރުމާމެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ވޯޓު ނަގައިގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!