ލ. ގަމުގެ ކައިރީގައި އޮންނަ މަހާކަނފުށި (ފަޅު ރަށެއް) ކައިރީގައި މަސް ހިފަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަނިކޮށް ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ، ލ. ގަމުގެ ކައިރީގައި އޮންނަ މަހާކަނފުށި ކައިރީގައި މަސް ހިފަން މޫދަށް ފައިބާ އުޅުނު މީހަކު ގެއްލިފައިވާ މައްސަލައެއް މިއަދު ހެނދުނު 9:50 އެހާކަށްހާއިރު އެ މުއައްސަސާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

Ad
rt

ފުލުހުން ބުނި ގޮތުގައި، މި މީހާ ހޯދުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް، 11:00 އެހާކަށްހާއިރު، ގެއްލުނު ސަރަހައްދުގެ މޫދުން ވަނީ ފެނިފައެވެ. ނަމަވެސް، މި މީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ނިޔާވެފައި ވަނީ އަބުދުއްސަމަދު މުހައްމަދު (ސަމަދު)، ފެންފަރީ/ތުނޑީ، ލ. ގަން އެވެ. ސަމަދު މޫދަށް ފޭބީ ދާ ޖަހައިގެން މަސް ހިފަން ކަމަށް އެނގިފަވެއެވެ.

ސަމަދު ގެއްލުމުން ރައްޔިތުން ވަނީ ޑިންގީތަކުގައި ނުކުމެ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.