ހުޅުމާލޭގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަކުން ވައްކަން ކުރަން އުޅުނު މީހަކު ހުއްޓުވައި، ވައްކަން ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / އޯކިޑްމާގެ، ޢަބްދުއްރަޙްމާން ޙުސައިން (33އ) އެވެ.

Ad
rt

އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ހުޅުމާލެ ޕޮލްކޯ ފްލެޓްތައް ކައިރި ޕާކިންގ ޒޯން ސަރަޙައްދުގައެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، އެ ސަރަޙައްދުގައި ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ފެނުމާއެކު އެއްޗެއް ފޮރުވަން މަސައްކަތްކޮށް، ސައިކަލަށް އަރައިގެން ދާން މަސައްކަތްކުރާ މީހަކު ފެނުމުން އޭނާ ހުއްޓުވައި ބަލައިފާސްކުރިކަމަށެވެ. އަދި އެ ސަރަޙައްދުގައި ޕާކުކޮށްފައި ހުރި ގިނަ ވެހިކަލްތަކެއް ހުޅުވާފައިވާކަން ފާހަގަކުރެވުމާ ގުޅިގެން ބަލައިފާސްކުރިއިރު ވަގަށް ނަގާފައިވާ ބައެއް ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންގެ ޚިދުމަތުން އިތުރަށް ބުނީ، އެ ސަރަޙައްދު ބެލިބެލުމުން އޭނާ ވަނީ އެތަނުގައި ޕާކުކޮށްފައިވާ ނުވަ ކާރަކާއި ޕިކަޕެއް ހުޅުވައި، އެ ވެހިކަލްތަކުން ބައެއް ތަކެތި ވަގަށް ނަގާފައިކަމަށެވެ.

މީގެ އިތުރުން ފުލުހުން އޭނާ ހުއްޓުވި ވަގުތު އޭނާގެ އަތުގައި އޮތް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް އެއްލާލުމާ ގުޅިގެން އެ އެއްޗެހި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުންޏެވެ.

ހައްޔަރުކުރެވުނު މީހާއާއި އޭނާ އަރައިގެން ދާން މަސައްކަތްކުރި ސައިކަލް ބަލައިފާސްކުރިއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކާރު އަދި ސައިކަލް ތަޅުދަނޑިތަކާއި ފައިސާ އާއި ފޯންތަކަކާއި ޗާޖިންގ ކޭބަލް ފަދަ ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ މިހާރު ދަނީ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ތަޙުޤީޤުކުރަމުންނެވެ.