ރާއްޖޭގައި އޮޕަރޭޓުކުރުމަށް މާލީ އިދާރާއަކަށް ލައިސަންސް ދޫކުރާނީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހާމަކޮށްފި އެވެ.
އެމްއެމްއޭ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބޭންކު ލައިސަންސް ދޫކުރުމުގައި އަމަލުކުރަނީ ތިން މަރުހަލާއަކަށެވެ. އެއީ ލައިސަންސް ނަގަން ބޭނުންވާ ފަރާތަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، ހުށަހެޅުން ވަޒަންކުރުމާއި، އަދި ލައިސަންސް ދިނުމުގެ މަރުހަލާއެވެ.
ލައިސަންސްއަށް އެދި ހުށަހަޅާ ހުށަހެޅުން ވަޒަންކުރުމުގައި އެމްއެމްއޭއިން ބަލާ ކަންތައްތަކުގެ ތެރޭގައި ހުށަހަޅާ ފަރާތުގެ މާލީ ގާބިލުކަމާއި، ރައުސުމާލުގެ މަސްދަރު، ހިއްސާދާރުންނާއި އިސް މެނޭޖްމަންޓްގެ ފިޓް އެންޑް ޕްރޮޕާ އަދި ވިޔަފާރި ޕްލޭން ހިމެނެއެވެ. މި ހުށަހެޅުންތައް ވަޒަންކުރުމަށްފަހު، އެޑްވައިޒަރީ ކޮމިޓީ އޮން ފައިނޭންޝަލް އިންސްޓިޓިއުޝަން ލައިސަންސިންގ މެދުވެރިކޮށް ގަވަރުނަރަށް ހުށަހަޅައި، އޮތޯރިޓީގެ ބޯޑުން ވަނީ ގޮތެއް ނިންމަން ޖެހެއެވެ.
ރާއްޖޭގައި ބޭންކިން ހިދުމަތް ދިނުމަށް ބޭނުންވާ ލައިސަންސަށް އެދި ހުށަހެޅުމުން ޝަރުތު ހަމަވާނަމަ، ފުރަތަމަ ދޫކުރާނީ ކޮންޑިޝަނަލް ހުއްދައެއް ކަމަށާއި، އޭގެ ފަހުން ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމުން ލައިސަންސް ދޫކުރާނީ އެމްއެމްއޭގެ ބޯޑުން ކަމަށް ވެސް ބުނެފައިވެއެވެ.
އެމްއެމްއޭ އިން ފާހަގަކުރި ގޮތުގައި، މިދިޔަ މެއި މަހު ދެ ފަރާތަކަށް ވަނީ ބޭންކިންގ ހިދުމަތް ދިނުމުގެ ހުއްދަ ދީފައެވެ. އެއީ މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އާއި ބީއައިސީ ބޭންކް މޯލްޑިވްސްއެވެ.
އެމްއެމްއޭ އިން ވަނީ، ރާއްޖޭގައި އޮޕަރޭޓުކުރުމަށް މާލީ އިދާރާއަކަށް ލައިސަންސް ދޫކުރާނީ ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމަށް ޔަގީންކަން ދީފައެވެ. އަދި މާލީ ދާއިރާ ހަރުދަނާކަމާއެކު ކުރިއަށް ގެންދިއުމަށާއި، މި ދާއިރާގެ ނަޒާހަތްތެރިކަން ހުރިހާ ފެންވަރެއްގައި ވެސް ގާއިމްކުރުމަކީ އެ އޮތޯރިޓީގެ އެންމެ އިސް އަހަންމިއްޔަތުކަމެއް ކަމުގައި ބަޔާންކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!