ދިވެހިރާއްޖެއިން އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ނައިބު ރައީސްކަމުގެ އިންތިޚާބީ ގޮނޑިއެއް ކާމިޔާބުކޮށްފިއެވެ.

މި އިންތިޚާބު ބޭއްވީ ހޯމަ ދުވަހު ނިއުޔޯކުގައި ހުންނަ އދ.ގެ މައި މަރުކަޒުގައެވެ.

Ad
rt

އދ.ގެ އާންމު މަޖިލީހުގެ ކޮންމެ ސެޝަނަކަށް އޭޝިއާ ޕެސިފިކް ގުރޫޕުގެ ތެރެއިން ފަސް ނައިބު ރައީސުން އިންތިޚާބުކުރެއެވެ. މި މަޤާމަށް ދިވެހިރާއްޖެއިން ކުރިމަތިލީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. މި މަޤާމުގެ ދައުރަކީ އެއް އަހަރު ދުވަހެވެ.

މި ކާމިޔާބީއާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ، މިއަހަރުގެ ސެޕްޓެމްބަރު މަހު ފެށޭ އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ދިވެހިރާއްޖެއިން އެހެން ޤައުމުތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ. އަދި އދ. މެންބަރު ޤައުމަކަށް ވިތާ މިއަހަރަށް 60 އަހަރު ފުރޭއިރު، ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ޤާއިމުކޮށްފައިވާ މި ނިޒާމު ވަރުގަދަކުރުމަށް ދިވެހިރާއްޖެއިން މެދުކެނޑުމެއްނެތި މަސައްކަތްކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މި ފުރުސަތު ލިބިގެންދިއުމަކީ އދ.ގައި ރާއްޖޭގެ ހަރަކާތްތެރިވުން އިތުރުކުރެވި، ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން އިސް ދައުރެއް އަދާކުރެވިދާނެކަން ދެއްކޭނެ ގޮތެއް ކަމަށެވެ. އަދި މި މަޤާމުގެ ސަބަބުން ދިވެހި ޚާރިޖިއްޔާގެ އޮފިސަރުންނަށް އަގުނުކުރެވޭފަދަ ތަޖުރިބާތަކެއް ލިބިގެންދާނެ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އ.ދ. ގެ ޢާއްމު މަޖިލީހުގެ ނައިބު ރައީސުންގެ މައިގަނޑު މަސްއޫލިއްޔަތަކީ، އެސެޝަންގެ ރައީސެއް ނެތް ހާލަތެއްގައި، ނުވަތަ ސެޝަންގެ ބައްދަލުވުމެއްގައި ރައީސަށް ބައިވެރިވެވަޑައިނުގެންނެވޭ ހާލަތެއްގައި، ވަގުތީ ރައީސްގެ ހައިސިއްޔަތުން، ރައީސްގެ ޒިންމާތައް އަދާކުރުމެވެ.

މީގެއިތުރުން އދ.ގައި ހިނގާ މުހިންމު އަދި ބޮޑެތި މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ މަސައްކަތް ވެސް ނައިބު ރައީސުންނާ ހަވާލުކުރަމުން އަންނައިރު، އަދި ސަފީރުންނާއި ތަޖުރިބާކާރުންނާއެކު ބާއްވާ އދ.ގެ 'އިންފޯމަލް' ޕްލެނަރީ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ވެސް މި މަގާމު އަދާރާ ޤައުމަކަށް ބައެއް ފަހަރު ލިބެއެވެ.