މިއަދު ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވި މައްސަލައިގެ ސަބަބުން މާލެ އާއި ހުޅުމާލެއަށް ކަރަންޓު ކެނޑުނު ހާދިސާއާ ގުޅޭ މަޢުލޫމާތު ދެނެގަނެ ފަހުން އާންމުކުރާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ވިދާޅުވީ، ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ މިހާރު ވަނީ ހައްލުކުރެވި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައި ކަމަށެވެ. އަދި ފަހުމީ ވަނީ ކަރަންޓު އަލުން ދިނުމަށްޓަކައި ސްޓެލްކޯގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރި ޝުކުރެއް ދަންނަވާފައެވެ.

Ad
rt

"މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް މި ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން. އަދި މީގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މަޢާފަށް އެދެން،" ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަދު ގްރޭޓަރ މާލެ ގްރިޑް ބްލެކްއައުޓަކަށް ދިއުމަށް މެދުވެރިވި ސަބަބު ދެނެގަނެ އެކަމާއި ގުޅުންހުރި މަޢުލޫމާތު ފަހުން އާންމު ކުރާނެ ކަމުގެ ޔަގީންކަން ވެސް ފަހުމީ ދެއްވިއެވެ.

މި ހާދިސާއާ ގުޅިގެން، މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދައިން ކަންކަން އިންތިޒާމްކުރުމަށް މިކަން ސީރިއަސް މައްސަލައެއްގޮތުގައި ބަލަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ އަންގަވާފައެވެ. އަދި މި އެންގެވުމާއި އެއްގޮތަށް އެކަމުގެ ތަހުގީގެއް ފަށާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

ޓެކްނިކަލް މައްސަލައެއް ދިމާވެ މާލެ އާއި ހުޅުމާލެއާއި ހުޅުލެ ހިމެނޭހެން ކަރަންޓް ކެނޑުނީ މިއަދު މެންދުރު 12:45 ހާއިރުއެވެ.