"ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" ގެ ނަމުގައި އައު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 15/2025 އިން މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ޤާނޫނު (ޤާނޫނު ނަންބަރު 2023/7) ގެ 15 ވަނަ މާއްދާގެ ދަށުންނެވެ. މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ.

Ad
rt

މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ޑިޖިޓަލް ފައިނޭންޝަލް ސަރވިސަސް، ޑިޖިޓަލް ރިއަލް އެސްޓޭޓް، ފައިނޭންޝަލް ޓޫރިޒަމް އަދި ބޭންކިންގ ޚިދުމަތްތައް ހިމެނޭގޮތަށް މާލީ ޚިދުމަތްތަކުގެ ސިނާޢަތު ކުރިއެރުވުމެވެ.

މީގެ އިތުރުން، ރާއްޖެ ބައިނަލްއަޤްވާމީ މާލީ ޚިދުމަތްތަކުގެ މަރުކަޒަކަށް ހެދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަކީވެސް މި ކުންފުނީގެ މަޤްޞަދެކެވެ.

"ގްރޭޓަރ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް" އަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ 1 ބިލިއަން ރުފިޔާއެވެ. މިއީ 10 ރުފިޔާގެ 100 މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ އަދަދެކެވެ.

މި ކުންފުންޏަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ޤާނޫނީ ޝަޚްޞެކެވެ.