ރާއްޖޭގެ ވެރިކަން ކުރާ ބޭފުޅުންނަށް ހައްޖުވުމަށް ސައޫދީ ޢަރަބިއްޔާއިން ދޭ ފުރުސަތަކީ ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ ތެރެއިން ދޭ ފުރުސަތެއް ނޫންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވެފައިވަނީ "ރައްޔިތުންނާއެކު" ސިލްސިލާ ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ވެރިކަން ކުރާ ބޭފުޅުންނަށް ސައޫދީ ޢަރަބިއްޔާއިން ދޭ ޚާއްޞަ ފުރުސަތުތަކަކީ ރާއްޖެއަށް ލިބޭ އެއްހާސް ހައްޖު ކޯޓާގެ ތެރެއިން ދޭ ފުރުސަތުތަކެއް ނޫނެވެ. އެއީ ކޯޓާއިން ބޭރުން ވަކިން ހަމަޖައްސައިދޭ ޚާއްޞަ ދަޢުވަތެކެވެ.
"އަޅުގަނޑަށް ވަރަށް ޚާއްޞަ ގޮތަކަށް މިކަންކަން ހަމަޖައްސައިދެވިފައި މިއޮތީ. ވަކިން ފްލައިޓެއްވެސް އެރޭންޖްކޮށް ހަމަޖައްސައިދީފައި، ދެން އެއީވެސް ސަރުކާރުން އެއްވެސް ޚަރަދެއް ކުރަންޖެހޭ ކަމެއްނޫން. ސަރުކާރުން ޗާޓަރއެއްވެސް ނުކުރަން. ހަމަ ހިލޭ ސަޢޫދީ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައި." ރައީސް މުޢިއްޒު ވިދާޅުވެފަވެއެވެ.
ރައީސް މުޢިއްޒުގެ ޙައްޖުގެ އެއްވެސް ކަމަކީ ކޯޓާގެ ތެރެއިން ހިނގާ ކަމެއް ނޫންކަމަށާއި، ސަރުކާރުގެ ބަޖެޓުން ޚަރަދުކުރާ ކަމެއްވެސް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ސަޢޫދީ މެހްމާންދާރީގެ ތެރެއިން ސަޢޫދީ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައިވާ ކަންތައްތަކެއްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، ކުރީގައި އެމަނިކުފާނު ޢުމްރާއަށް ވަޑައިގަތް އިރުވެސް ޚާއްޞަ ފްލައިޓެއް ހަމަޖައްސައިދީ، ހުރިހާ ޚަރަދެއް ސަޢޫދީ ޢަރަބިއްޔާއިން ހަމަޖައްސައިދެއްވާފައިވެއެވެ. ސަޢޫދީ ޢަރަބިއްޔާއިން ރާއްޖޭގެ ރައްޔިތުންނާ ދޭތެރޭ ވަރަށް ގާތްކޮށް ހިތާކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!