ދިވެހިރާއްޖޭގައި ޓެރަރިޒަމާ ދެކޮޅަށް ކުރިއަށް ގެންދިޔަ ޓޭބަލްޓޮޕް އެކްސަސައިޒް، "އަމާން އައްސޭރި 2025" މިއަދު ނިންމާލައިފިއެވެ.

މި އެކްސަސައިޒަކީ ރައީސް އޮފީހާއި ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަން ގުޅިގެން، ރާއްޖޭގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ ޤައުމީ މުއައްސަސާތަކާ އެކު ކުރިއަށްގެންދިޔަ ޤައުމީ ހަރަކާތެކެވެ.

Ad
rt

މި ހަރަކާތާގުޅޭ މައުލޫމާތު ހާމަކުރަމުން ރައީސް އޮފީހުން ބުނީ ދެ ދުވަހުގެ މި ހަރަކާތުގައި، ނޭޝަނަލް ޓެރަރިޒަމް ރެސްޕޯންސް ޕްލޭން (އެން.ޓީ.އާރް.ޕީ) ޓެސްޓްކޮށްފައިވާކަމަށެވެ.

މި އެކްސަސައިޒަކީ، ޓެރަރިޒަމާ ގުޅުންހުރި ކުއްލި ނުރައްކާތަކާ ކުރިމަތިލާން ތައްޔާރުވެވިފައިވާ މިންވަރާއި، އެފަދަ ޙާލަތެއްގައި މުވައްސަސާތަކުގެ މެދުގައި އެއްބާރުލުންދެވޭ މިންވަރު ދެނެގަނެ، ޤާބިލުކަން ހުރި- ނެތް މިންވަރާއި، އެކަންކަން ހަރުދަނާ ކުރަން ނިންމަންޖެހޭ ނިންމުންތައް ދެނެގަތުމަށް ބޭއްވި މުހިންމު އެކްސަސައިޒެއްކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން މި އެކްސަސައިޒާއި، އެން.ޓީ.އާރް.ޕީ. ގެ އަމާޒަކީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ދަމަހައްޓައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހުމިއްޔަތުކަމަށް ޢަމަލީ ސިފަ ގެނަސް، ޤައުމީ ސަލާމަތަށް ސަރުކާރުން ކުރާ މަސައްކަތް ހަރުދަނާކުރުންކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ހަރަކާތުގައި ސަރުކާރުގެ 11 ވުޒާރާއެއް ތަމްސީލުކުރައްވާ އިސްވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ. މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި އިސްވެރިން ވަނީ އިސްތިރާޖީ ފެންވަރުގެ މަޝްވަރާތައް ކުރައްވައި، ޢަމަލީ ނަތީޖާ ނެރެވޭ ފަދަ ހުށަހެޅުންތައް ހުށަހަޅުއްވާފައެވެ.

މި ހަރަކާތް އިންތިޒާމުކޮށްދެއްވީ ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައިކޮމިޝަނުންނެވެ. އެހެންކަމުން މިއީ ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު ސަލާމަތީ ގޮތުން ގުޅުން ބަދަހިކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.