ބިލިއަނަރު އީލޮން މަސްކްގެ ވިޔަފާރި ބޭނުމަށް ހިންގާ ސްޕޭސް ފްލައިޓް ކުންފުނި، ސްޕޭސްއެކްސްއިން، ޓެކްސާސްއިން ފުރުވާލި ރޮކެޓް ވެހިކަލް، ސްޓާޝިޕްގެ 9 ވަނަ ޓެސްޓް ފްލައިޓް ދަތުރު ފެށިތާ 30 މިނެޓެއްހާއިރު ތެރޭ ކޮންޓްރޯލް ގެއްލިއްޖެ ވެއްޓިފައިވާކަމަށް ރޮއިޓަރސް ނިއުސް އޭޖެންސީން ރިޕޯޓުކޮށްފިއެވެ.
ރޮއިޓަރސްގެ ރިޕޯޓުގައިވާ ގޮތުން، ބުދަ ދުވަހު ސްޓާޝިޕް ވަނީ ރޭވިފައިވާ ވަގުތަށްވުރެ ކުރިން ޖައްވުގެ ތެރެއަށް އަނބުރާ ވަދެފައެވެ. އެއީ ރޮކެޓުގައި ހުރި ލީކެއްގެ ސަބަބުން ބޭރު ޖައްވުގައި ނުހިފެހެއްޓި ދައުރުވާން ފެށުމުންނެވެ.
ރޮއިޓަރސްއިން އިތުރަށް ބުނެފައިވަނީ، މި ޓެސްޓް ފްލައިޓް ވަނީ ކުރީގެ ނާކާމިޔާބު ދަތުރުތަކަށްވުރެ ދުރަށް ގޮސްފައި ކަމަށާއި، އޭގެ ފަހުން ކޮންޓްރޯލް ގެއްލިފައިވާ ކަމަށެވެ. މިއީ އެއްވެސް މީހަކު ނެތި ފޮނުވާލާފައިވާ ޓެސްޓް އުޅަނދެކެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ސްޕޭސްއެކްސްއިން ބުނެފައިވަނީ ސްޓާޝިޕްއަށް ވަނީ ''ކުއްލި އަދި ރޭވިފައިނުވާ ކަމެއް'' ކުރިމަތިވެފައި ކަމަށް ބުނެފައެވެ. އަދި މިފަދަ ޓެސްޓެއްގައި، ކާމިޔާބު ލިބެނީ ލިބޭ މަޢުލޫމާތުންކަމަށް ވެސް ބުނެފަވެއެވެ.
ދެކުނު އެފްރިކާގައި އުފަންވި މި ބިލިއަނަރު މަސްކް ވަނީ ސްޓާޝިޕް ތަރައްޤީކުރުމަށް ބިލިއަން ޑޮލަރުތަކެއް ހޭދަކޮށްފައެވެ.
އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ވަނީ އެ ނާކާމިޔާބު ދަތުރުގެ ސަބަބުން ވެއްޓުނު ބައިތައް އެ ސަރަހައްދަށް ވެއްޓުމާ ގުޅިގެން، މައިއަމީ އިންޓަނޭޝަނަލް އެއަރޕޯޓް ހިމެނޭ ގޮތަށް ފްލޮރިޑާގެ 4 އެއަރޕޯޓަކުންފުރާ ފްލައިޓްތައް ވަގުތީގޮތުން ހުއްޓުވާލައި، އަދި އެހެން ބައެއް ފްލައިޓްތައް އެހެން ރޫޓްތަކަށް ބަދަލުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!