މިރޭ 12 އިން ފެށިގެން ޗައިނާއިން ރާއްޖެ އަންނަ އެއްވެސް މީހަކު ރާއްޖެއަށް ވަނުމުގެ ހުއްދަ ނުދޭން ދިވެހި ސަރުކާރުން ނިންމައި، އެކަން ހާމަކޮށްފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސި ބަހުން އިއްވެވި ސްޓޭޓްމަންޓުގައި ވިދާޅުވީ، މިރޭ ދަންވަރު 12:00 އިން ފެށިގެން ޗައިނާގެ މެއިންލޭންޑުން އަންނަ އެއްވެސް ގައުމެއްގެ ރައްޔިތަކަށް ރާއްޖެ ވަނުމުގެ ހުއްދަ ނުދޭން ދިވެހި ސަރުކާރުން މިވަގުތަށް ނިންމާފައިވާ ކަމަށެވެ.
އެނޫސްވެރިންގެ ބައްދަލުވުމުގައި ޓޫއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ ނިންމުން ނިންމެވީ ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެއީ ރާއްޖޭގެ ރައްޔިތުންގެ ރައްކާތެރިކަމަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ.
އެ ފިޔަވަޅު އެޅީ، މިވަގުތު ދިވެހި ރާއްޖޭގެ ބޯޑަރު ވަރުގަދަކޮށް ކޮރޯނާ ވައިރަސް ރާއްޖެއަށް އައުމުގެ ދޮރު ބަންދުކުރުމަށް ކަމަށް މިނިސްޓަރު އަލީ ވިދާޅުވި އެވެ. މިނިސްޓަރު ޢަލީ ވިދާޅުވީ، މިއީ ދިވެހިންނާއި ރާއްޖެ އަންނަ ޓޫރިސްޓުންގެވެސް ރައްކަލަކަށް އަޅަން ޖެހުނު ފިޔަވަޅެއް ކަމަށެވެ.
ސަރުކާރުން ނިންމާފައިވަނީ ޗައިނާގެ ރައްޔިތުންނާއި ޗައިނާއަށް ގޮސް އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް މަނާކުރުމަށެވެ. އެއީ ޗާޓަރު ފްލައިޓެއްގައި ވެސް ނާދެވޭ ގޮތަށެވެ. ނަމަވެސް މި މަނާވުން ޗައިނާގައި މިހާރު ތިބި ދިވެހިންނަށް ނޯންނާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!