އެމެރިކާގެ ހަވާއީ-ކެލިފޯނިއާ މަގުން ދަތުރުކުރަމުންދިޔަ ދެ މަތިންދާބޯޓަކަށް އިންޒާރު ދިނުމުގެ ސަބަބުން އެމެޖެންސީގައި ޖައްސައިފިއެވެ.

ބައިނަލްއަގްވާމީ ބައެއް ނޫސްތަކުން ބުނާގޮތުގައި އެމެރިކާގެ ހޮނޮލޫލޫ އާއި ދެކުނު ކެލިފޯނިއާ އާ ދެމެދު ދަތުރުކުރަމުންދިޔަ ދެ މަތިންދާބޯޓު، ސަލާމަތީ ކަންބޮޑުވުންތަކެއްގެ ސަބަބުން އެހެން މަންޒިލަކަށް ވަނީ ޑަައިވާޓްކޮށްފައެވެ.

Ad
rt

މީގެ ތެރެއިން އެއް މަތިންދާބޯޓު ޑައިވާޓް ކޮށްފައި ވަނީ ބޮމުގެ ބިރުދެއްކުމެއްގެ ސަބަބުންނެވެ. އަނެއް މަތިންދާބޯޓު ބަދަލުކުރެވުނީ ފާޚާނާގެ ލޯގަނޑުގައި ލިޔެފައިވާ "ސަލާމަތީ އިންޒާރެއް" ފާހަގަކުރެވުމުގެ ސަބަބުންނެވެ.

މިގޮތުން ޔުނައިޓެޑް އެއަރލައިންސްގެ ފްލައިޓް 1169 ޑެނިއަލް ކޭ. އިނޯއޭ އިންޓަރނޭޝަނަލް އެއަރޕޯޓުން އަންގާރަ ދުވަހުގެ ރޭ 9:40 ގައި ފުރާފައިވަނީ ލޮސް އެންޖެލެސް އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. ފްލައިޓް އެވެއަރގެ މަޢުލޫމާތުން ދައްކާ ގޮތުގައި މަތިންދާބޯޓު ހަވާއީގެ އިރުމަތިން ދަތުރު ބަދަލުކޮށް އަނބުރާ ހޮނޮލޫލޫއަށް ގޮސްފައިވެއެވެ.

އެނގިފައިވާ ގޮތުގައި ޔުނައިޓެޑް އެއާލައިންސް ފްލައިޓްގައި ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ދަތުރުފުޅުކުރަށްވާފައެވެ. އިންޒާރުގެ ސަބަބުން މި ފްލައިޓު ޖެއްސުމުން ނައިބު ރައީސް ހުސައިން ދެން ވަޑައިގަތީ އެހެން ފްލައިޓެއްގައިކަމަށް ވެއެވެ. އެއީ ބްލޫ ޕްލެނެޓް އެލަޔަންސްގެ ހާއްސަ ދައުވަތަކަށް ނައިބު ރައީސް ހަވާއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ އަށް ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުކަމަށް ވެސް އިނގިފަވެއެވެ.

ޔުނައިޓެޑް އެއަރލައިންސްއިން ލިޔުމުން ދީފައިވާ ބަޔާނެއްގައި މަޢުލޫމާތު ކުރުކޮށް ހިއްސާކޮށްފައިވެއެވެ. އެ ބަޔާނުގައި 339 ފަސިންޖަރުންނާއި 10 ފްލައިޓް ކުރޫ މެންބަރުން އަނބުރާ ހޮނޮލޫލޫއަށް ގޮސްފައިވާ ކަމަށާއި، އެ ފަރާތްތަކަށް ފަހުން އަންނަ ފްލައިޓްތަކުގައި ދަތުރުކުރުމަށް އިންތިޒާމު ކޮށްދީފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.

"ހޮނޮލޫލޫއިން ލޮސް އެންޖެލެސްއަށް ދަތުރުކުރި ޔުނައިޓެޑްގެ ފްލައިޓް 1169 އަނބުރާ ރައްކާތެރިކަމާއެކު ހޮނޮލޫލޫއަށް އައީ ފާޚާނާގެ ލޯ ގަނޑުގައި ލިޔެފައިވާ ސަލާމަތީ ކަންބޮޑުވުމެއް (އިންޒާރެއް) ފާހަގަކުރެވުމުގެ ސަބަބުން." ޔުނައިޓެޑްގެ ސްޕޯކްސްޕަރސަނެއް ވިދާޅުވިއެވެ.

"ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުން މަތިންދާބޯޓު ޗެކްކޮށް، ސަލާމަތީ ބަލާ ފާސްކުރުމެއް ހިންގާފައިވޭ." އޭނާ އިތުރަށް ބުނެފަވެއެވެ.

އިންޒާރު ކުރިމަތިވި އަނެއް އެއާލައިން، ހަވައިއަން އެއަރލައިންސްގެ ފްލައިޓް 15، ސަން ޑިއޭގޯއިން އަންގާރަ ދުވަހުގެ ހެނދުނު 8:30 ހާއިރު ފުރުމަށް ހަމަޖެހިފައި އޮތް ނަމަވެސް، މަތިންދާބޯޓުގައި ބޮމުގެ ބިރުދެއްކުމެއްގެ ސަބަބުން ފުރުން ލަސްކޮށްފައި ވެއެވެ. ހާބަރ ޕޮލިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބިރުދެއްކުމާ ގުޅިގެން 35 އަހަރުގެ ސިފައިންގެ ކަމަށްވާ ޖޮން ސްޓީއާ ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މަތިންދާބޯޓުގައި ތިބި 293 މީހުން ރައްކާތެރިކަމާއެކު މަތިންދާބޯޓުން ބާލާފައިވާއިރު، ފްލައިޓް އެވެއަރގެ މަޢުލޫމާތުން ދައްކާ ގޮތުގައި ޖުމްލަ 5 ގަޑިއިރުގެ ލަސްވުމަކަށްފަހު ފްލައިޓް ހޮނޮލޫލޫއަށް ޖައްސާފައިވެއެވެ.

ނައިބު ރައީސް ހުސެން ދަތުރުފުޅުކުރެއްވި ފްލައިޓަކަށް އިންޒާރެއް ކުރިމަތިވީ ހާދިސާއާއި ގުޅިގެން ދިވެހި ސަރުކާރުން ނުވަތަ އެމަނިކުފާނުގެ ފަރާތްޕުޅުން ވެސް އަދި އެއްޗެއް ބުނެފައެއްނުވެއެވެ.