ސީޒަންގައި ޔޫރަޕްގެ ލީގުތަކުގައި އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާއަށް ދޭ ރަންބޫޓޫ ރެއާލް މެޑްރިޑްގެ ފޯވާޑް ކިލިއަން އެމްބާޕޭ ކާމިޔާބު ކޮށްފިއެވެ.

ފްރާންސްގެ ޕީއެސްޖީ ދޫކޮށް އެމްބާޕޭ ރެއާލް މެޑްރިޑަށް ބަދަލުވެފައި ވަނީ މި ސީޒަންގައެވެ. އާންމުކޮށް ދަނޑުގެ އަރިމަތިން ކުރިއަށް ކުޅޭ އެމްބާޕޭ، ރެއާލަށް ބަދަލުވުމަށް ފަހު ކުޅެމުން އައީ ސެންޓަރ ފޯވާޑް މަގާމަށެވެ. އާންމުކޮށް ކުޅޭ ޕޮޒިޝަން ނޫން އެހެން ތަނަކަށް ކުޅެން ޖެހުމާއިއެކު ސީޒަންގެ ފުރަތަމަ ބައިގައި އޭނާގެ ފަރާތުން އެންމެ އެދެވޭ ކުޅުން އޮތީ ނުދެއްކިއެވެ. ނަމަވެސް މަޑުމަޑުން ހޭނުމަށް ފަހު އޭނާއައީ ރެއާލުގައި މޮޅަށް ކުޅެ ގިނަ ލަނޑުތަކެއް ޖަހަމުންނެވެ.

Ad
rt

އެމްބާޕޭ ވަނީ ސްޕެނިޝް ލީގުގައި 31 ލަނޑު ޖަހާފައެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން މުޅި ސީޒަންގައި އޭނާ ޖެހި ލަނޑިގެ އަދަދު 42 އަށް އަރައެވެ. ޔޫރަޕުގެ ފުޓްބޯޅަގައި ޖަހާ ގޯލާއި ގޯލު ޖަހަން އެހީތެރިވެދިނުން ކައުންޓް ސިސްޓަމުން އޭނާ އަށް ވަނީ 62 ޕޮއިންޓް ލިބިފަ އެވެ.

ޔޫރަޕްގެ ލީގުތަކުގައި މި ސީޒަންގައި އެންމެ ގިނަ ގޯލު ޖަހާފައި ވަނީ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއަށް ކުޅެމުން އަންނަ ވިކްޓަރ ގިޔޮކްރެސް އެވެ. އޭނާ 39 ލަނޑު ޖެހިނަމަވެސް ލީގުތައް ގިންތި ކޮށް މާކްސްދޭ ސިސްޓަމުން އޭނާއަށް ލިބިފައިވަނީ 58.5 ޕޮއިންޓެވެ.

ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓު ހޯދީ ލިވަޕޫލުގެ ފޯވާޑް ސަލާހްއެވެ. ލިވަޕޫލަށް ލީގު ކާމިޔާބު ކޮށްދިނުމުގައި ބޮޑު ހިއްސާއެއްވި ސޮލާހް ވަނީ 28 ގޯލު ޖަހާފައެވެ. އޭނާއަށް ލިބިފައިވަނީ 56 ޕޮއިންޓެވެ.