ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުޢުތަސިމް ޢަދުނާނާއި މުޢާމަލާތް ކުރެވުނު ކަމަށް ރާއްޖެ އެމްވީ އިން 26 މޭ 2025 ގައި ޝާއިޢުކޮށްފައިވާ ޚަބަރުގައި އެއްވެސް ޙަޤީޤަތެއް ނެތް ކަމަށްވިދާޅުވެ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އޮފީހުން ބަޔާނެއް ނެރެފި އެވެ.

އެބަޔާން ހިމަނުއްވާ ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މި ޚަބަރަކީ ފިތުނަވެރި ދޮގު ވާހަކަތަކެއް ފެތުރުމަށް ކުރެވޭ މަސައްކަތެއްކަމަށާއި މިފަދަ ދޮގު ވާހަކަ ފެތުރުން ހުއްޓާލަން ދަންނަވާކަމަށެވެ.

Ad
rt

"އަލިފުން ޔާޔަށް އޭގައި އެހުރަ ހުރި ހުރިހާ ވާހަކައަކީ ކަނޑައެޅިގެން ދޮގު،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ބަޔާނުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު މުޢުތަސިމް ޢަދުނާނަކީ ޤާބިލުކަމާމެދު ޝައްކެއް އުފެދިފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޢައްޔަންކުރެވިފައިވަނީ ވަރަށް ވިސްނުންތެރިކަމާއެކު ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖެ އެމްވީ އިން މި ޚަބަރު ޝާއިޢުކޮށްފައިވަނީ 26 މޭ 2025 ވަނަ ދުވަހުގެ 18:10 ގައެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ރާއްޖެ އެމްވީ އާއި ވާހަކަ ދެއްކި މަސްދަރަކުން ކަމަށް ބުނެފައިވާ އިބާރާތުގައި ބުނެފައިވަނީ، މުއުތަސިމް ފޯނުން ރައީސް ނަޝީދު އާ ގުޅުއްވި ކަމުގެ މައުލޫމާތު ލިބިވަޑައިގެން އެޓާރނީ ޖެނެރަލް އަހްމަދު އުޝާމް އުއްތަމަ ފަނޑިޔާރާ ގުޅުއްވާ ވަނީ "ބިރު ދައްކަވާފައެވެ." މިހެންނެވެ.

މީގެ އިތުރުން، މުއުތަސިމް އަދުނާން ރައީސް ނަޝީދު އަށް ފޯނުން ގުޅުއްވައި އެވާހަކަ ދެންނެވި ކަމަށާއި އެއާ އެކު އެ މައްސަލަ ބަލައިގަންނަން ޖެހޭނެ ކަމަށް ރައީސް ނަޝީދު މުއުތަސިމް އަށް ދެންނެވި ކަމަށް ޖޭއެސްސީ އަށް މައްސަލަ ހުށަހެޅި ފަރާތުން ބުނެފައިވާކަމަށްވެސް ޚަބަރު ފަތުރާފައިވެއެވެ.