ހުޅުމާލެ ހޮސްޕިޓަލުގައި ތަރައްގީ ކުރި 14 އެނދުގެ ޒަމާނީ އެމާޖެންސީ ރޫމް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފި އެވެ.
މި ސަރުކާރުގެ "ނިއު ޕޮލިސީ އިނިޝިއޭޓިވް"ގެ ދަށުން ކުރިއަށްގެންދިޔަ، ހުޅުމާލެ ހޮސްޕިޓަލުގެ އިމަޖެންސީ ރޫމުގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އަށް ވަނަ ދުވަހު އަމަލީ މަސައްކަތް ފެށުނު މި މަޝްރޫއު ނިމުމާއެކު، އެ ހޮސްޕިޓަލުގެ އެމާޖެންސީ ރޫމްތަކުގެ އަދަދު ވަނީ ދެގުނަ އިތުރުވެފައެވެ. މިހާރު އެ ހޮސްޕިޓަލުގެ އެމާޖެންސީ ރޫމްގައި އެއްފަހަރާ 14 އެނދުގައި ބަލި މީހުންނަށް ފަރުވާ ދެވޭނެއެވެ.
ޒަމާނީ މެޑިކަލް އާލާތްތަކާއެކު ފަރުމާކޮށްފައިވާ މި ރޫމުގައި ކްރިޓިކަލް ބަލި މީހުންނަށް ޚާއްސަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއް ވަނީ ޤާއިމުކޮށްފައެވެ.
"ފުރާނައަށް ނުރައްކާވާ ޙާލަތުގައި އަވަސް ފަރުވާދެވޭ އެންމެ ފުރިހަމަ އާލާތްތަކާއެކު، މި ރޫމް ތައްޔާރުކޮށްފައިވަނީ ބޮޑެތި އިމަރޖެންސީ ޙާލަތްތަކަށް ޚާއްސަ އިސްކަމެއްދީގެން،" ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
އަހަރަކު 380،000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތްދޭ ހުޅުމާލެ ހޮސްޕިޓަލަކީ ހުޅުމާލޭގައި ހުރި ހަމައެކަނި ސަރުކާރު ހޮސްޕިޓަލެވެ. މިދިޔަ އަހަރު އެ ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކޮށް، 4 އޮޕަރޭޝަން ތިއޭޓަރާއި، އައިސީޔޫ، އެންއައިސީޔޫގެ އިތުރުން، ސީއެސްއެސްޓީގެ ހިދުމަތްވެސް ވަނީ ފަށާފައެވެ.
މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނާ ގޮތުގައި މި އައު އެމާޖެންސީ ރޫމްގެ ސަބަބުން އެކްސިޑެންޓްތަކާއި، ކުއްލި ފަރުވާ ބޭނުންވާ ކޮންމެ ހާލަތެއްގައިވެސް އެ ހޮސްޕިޓަލުން ވަގުތުން ރަނގަޅު ފަރުވާ ލިބެން ފަށާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!