އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ޗެލްސީން ޗެމްޕިއަންސް ލީގުން ޖާގަ ހޯދިއިރު، ރޭ ކުޅުނު މެޗުން ބަލިވި ނަމަވެސް ނިއުކާސަލަށް ވެސް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިއްޖެއެވެ.

ލީގުގައި ހަތަރު މެޗު އޮއްވައި ލީގު ޗެމްޕިއަންކަން ކަށަވަރުކުރި ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާއި ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ރޭ މެޗަށް ފަހު ލިވަޕޫލަށް ލީގުގެ ޓްރޮފީ ހަވާލުކޮށްފައިވާއިރު، މިއީ ލިވަޕޫލުން ލީގު ޗެމްޕިއަންކަން ހޯދި 20 ވަނަ ފަހަރެވެ.

Ad
rt

ލީގުގެ ފަހު މެޗުތަކާއި ހަމައަށް އައިއިރު ގަދަހަތަރަކަށް ވާދަކުރާ ޓީމްތަކުގެ މެދުގައި ބޮޑު ވާދަވެރިކަމެއް އޮތެވެ. ވުމާއިއެކު ރޭ މެޗުތަކާއި ހަމައަށް ވެސް ލީގުގެ ތިންވަނައާއި ހަތަރުވަނަ، ފަސްވަނަ އަދި ހަވަނަ ހޯދާނެ ޓީމެއް އޮތީ ކަށަވަރު ނުވެއެވެ.

ރޭ ރަށުން ބޭރުގައި ޗެލްސީން ވަނީ 1-0 ގެ ނަތީޖާއިން ނޮޓިންހަމް ފޮރެސްޓް ބަލިކޮށްފައެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ޗެލްސީން ވަނީ 69 ޕޮއިންޓް ހަމަކޮށް ހަތަރުވަނަ ކަށަވަރު ކޮށްފައެވެ.

ރޭ މެންޗެސްޓާ ސިޓީން ރަށުން ބޭރުގައި ނުކުތީ ފުލަމްއާއި ދެކޮޅަށެވެ. އެ މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކޮށް 71 ޕޮއިންޓް ހޯދައިގެން ސިޓީ ވަނީ ތިންވަނަ ހޯދާފައެވެ.

ރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ވަނީ އެވަޓަން އަތުން 1-0 ގެ ނަތީޖާއިން ބަލިވެފައެވެ. ނަމަވެސް ގޯލުގެ ތަފާތުން ނިއުކާސަލަށް ވަނީ 5 ވަނަ ލިބިފައެވެ. އެއީ 66 ޕޮއިންޓް ހޯދައިގެންނެވެ. ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން 2-0 ގެ ނަތީޖާއިން ބަލިވި އެސްޓަން ވިލާއަށް ވެސް 66 ޕޮއިންޓް ވަނީ ލިބިފައެވެ. ނަމަވެސް ވިލާ ވާދަކުރަން ޖެހޭނީ ޔޫރޮޕާ ލީގުގައެވެ.

އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ޕްރިމިއާ ލީގުގެ ހަ ޓީމެއް ފެނިގެންދާނެއެވެ. އެއީ ލިވަޕޫލާއި އާސެނަލް، މެންޗެސްޓާ ސިޓީ، ޗެލްސީ، ނިއުކާސަލްގެ އިތުރުން މި ސީޒަންގައި ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ޓޮޓެންހަމެވެ.

ރޭ ޗެލްސީ އަތުން ބަލިވި ނޮޓިންހަމް ފޮރެސްޓަށް ލިބިފައިވަނީ ލީގުގެ ހަތްވަނައެވެ. އެ ޓީމަށް ވަނީ އަންނަ ސީޒަންގައި ޔުއެފާ ކޮންފަރެންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބިފައެވެ.