އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ކުށުގެ މާހައުލު ނައްތައިލެވޭނެކަމަށާއި، މި ރޫޙުގައި މަސައްކަތްކުރުމަށް ހުރިހާ ރައްޔިތުންގެ ކިބައިންވެސް އެދިވަޑައިގަންނަވާކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށްޓަކައި، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަޞްދީޤުކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެއަކީ އާބާދީގެ ގޮތުން ކުޑަ ޤައުމަކަށްވާތީ، އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ މުޖުތަމަޢުގައި ހުރި ނުރަނގަޅު އާދަތައް ޙައްލުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި، އެއްބައެއްވަންތަ ބައެއް ކަމުގައިވާތީ، މިހެން ހުރި ކަންކަން ޙައްލުކުރުމުގައި، އަޅުގަނޑުމެން ހަމަ އެންމެން އެކައްޗެއް ކިޔަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ގުރޫޕް ހަދައިގެން އެކި ބާވަތުގެ ކުށްކުރުމާއި، މީހުންގެ މުދަލަށް ގެއްލުން ދިނުން ފަދަ ކަންކަމަކީ ޙައްލުކުރެވިދާނެ ކަންކަން ކަމަށެވެ. އަދި މިއަދު ތަޞްދީޤުކުރެވުނު ޤާނޫނުން، އެންމެން އެއް ރޫޙެއްގައި މަސައްކަތްކޮށްފިނަމަ، އޭގެ ނަތީޖާ ފެންނާނެ ކަމަށް ޔަޤީންކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންވީމާ، ލޮބުވެތި ދިވެހި ރައްޔިތުންގެ ކިބައިން އަޅުގަނޑު އެދެން ބޭނުންވަނީ، މި ރޫޙުގައި ހިނގާށޭ މަސައްކަތް ކުރަން. އޭރުން އަޅުގަނޑުމެންގެ މި ޤައުމުގައި ކުށްކުރުމުގެ މި މާޙައުލު ނައްތައިލެވޭނެ. އިންސާނުންގެ ތެރޭގައި ޠަބީޢަތުގައި ހިމެނޭ ކަމެއް، ކުށަށް އަރައިގަތުމަކީ. ފުރަތަމަ އިސްލާމީ ތާރީޚު ފެށިގެން އައި ހިސާބުން ފެށިގެންވެސް އެއީ، ކަން އޮތްގޮތް. އެހެންނަމަވެސް، ކުށްކުރުން މަދުކުރެވޭނެ. ކުށްކުރުން މަދުކުރުމުގައި، އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވާން މި ޖެހެނީ." ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ކުށްކުރުމަކީ އިންސާނުންގެ ޠަބީޢަތުގައި ހިމެނޭ ކަމެއް ނަމަވެސް، ކުށްކުރުން މަދުކުރެވިދާނެއެވެ. އަދި އެކަމަށްޓަކައި އެންމެން އެކަތިގަނޑަކަށްވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވަނީ މިއަދު ތަޞްދީޤުކުރެވުނު ޤާނޫނު ތަންފީޒުކުރުމުގައި އެންމެން އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާ، އެކުވެރިކަމާއެކު ކުށްކުރުމުން ދުރުހެލިވުމަށް ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!