ފެމިލީކޯޓުގައި މިދިޔަ އޭޕްރިލް މަހު 181 ކައިވެނި އަދި 113 ވަރީގެ މައްސަލަތައް ނިންމާފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

ފެމިލީ ކޯޓުގެ މިދިޔަ އޭޕްރީލް މަހުގެ މަސައްކަތުގެ ތަފާސްހިސާބު ހިމެނޭ އުސްއަލިތައް މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާއިރު، އެ ކޯޓުގެ ތަފާސްހިސާބު ދައްކަގޮތުން މާރިޗް މަސް ނިމުނު އިރު ވަރިއާ ގުޅޭ 148 މައްސަލައެއް ނުނިމި އޮތެވެ. އަދި މިދިޔަ މަހު ވަނީ އަލަށް 151 ވަރީގެ މައްސަލަ އެ ކޯޓަށް ހުށަހަޅާފައެވެ.

Ad
rt

ރާއްޖޭގައި ވަރީގެ މައްސަލަ ބޮޑެވެ. އަދި އާއިލީ މައްސަލަތައް ވެސް އަންނަނީ އިތުރުވަމުންނެވެ.

ފެމިލީ ކޯޓުގެ މިދިޔަ އޭޕްރީލް މަހުގެ މަސައްކަތުގެ ތަފާސްހިސާބުން އެނގޭގޮތުގައި މިދިޔަ އޭޕްރިލް މަހު ގެވެށި އަނިޔާއާއި ގުޅޭ 14 މައްސަލަ އެއް ވަނީ އެ ކޯޓަށް ހުށަހަޅާފައެވެ. ދަރިން ޚަރަދު ހޯދުމަށް އާ 3 މައްސަލައެއް ހުށަހަޅާފައިވާއިރު، މަސް ނިމުނު އިރު އެބާވަތުގެ 14 މައްސަލައެއް ނުނިމި އެބައޮތެވެ.

މަސް ފެށުނުއިރު ވެސް ހަޟާނާތުގެ 17 މައްސަލަ ނުނިމި އޮތްއިރު، އައު އެއް މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ. މިދިޔަ މަހު ނިންމިފައި ވަނީ ހަޟާނާތުގެ ދެ މައްސަލައެކެވެ.

ދަރިން ނުދެއްކުމުގެ 8 މައްސަލަ އެއް އޭޕްރިލްގެ ނިޔަލަށް ނުނިމި އޮތްއިރު، އެ މަހު ވަނީ އެބާވަތުގެ ދެ މައްސަލަ ނިންމާފައެވެ. އަދި އެއް މައްސަލަ އަަލަށް ހުށަހަޅާފަވެއެވެ.

މީގެ އިތުރުން މިދިޔަ މަހު ޢާއިލާ އެހެނިހެން 18 މައްސަލައެއް އެ ކޯޓަށް ހުށަހަޅާފަވެއެވެ. އަދި 14 މައްސަލައެއް މިދިޔަ މަހު ނިންމާފަވެއެވެ.

ފެމިލީކޯޓުގައި ވޭތުވި 2024 އަހަރު 2485 ކައިވެނި އަދި 1326 ވަރީގެ މައްސަލަތައް ނިންމާފަވެއެވެ. އެ ކޯޓުގައި މިދިޔަ އަހަރު ޖުމްލަ 4،101 ޝަރީޢަތުގެ އަޑުއެހުން ބާއްވާފައިވާއިރު، އެ ކޯޓުގެ ޢާއިލީ މައްސަލަތަކާ ބެހޭ ބަޔަށް 227 މައްސަލަ ހުށަހަޅާފަވެއެވެ. އަދި 119 މައްސަލައަށް ވަނީ މިދޔަ އަހަރު ހައްލު ހޯދާދީފައެވެ.

ދެމަފިރިންގެ ދެމެދުގައި ޖެހިފައިވާ މައްސަލަތައް ހައްލުކުރުމާއި، ވަރިވެފައިވާ މީހުންގެ ދަރިން ބެލުމާގުޅޭ ހަ އެއްބަސްވުމެއް އެ ކޯޓުން މިދިޔަ އަހަރު ވަނީ ލިޔުމުން ހަދައިދީފައެވެ.