އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމަށް މަސައްކަތްކުރާ އަދި އިޖުތިމާޢީ ޚިދުމަތްތައް ފޯރުކޮށްދޭ ޖަމިއްޔާތކުގެ ދައުރުފުޅާކޮށް، އެ ޖަމިއްޔާތަކާއެކު މަސައްކަތްކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ސަރުކާރުގެ ދެ ވުޒާރާއެއްގެ ދެމެދު މަޝްވަރާ ކޮށްފިއެވެ.
މި މަޝްވަރާ ބާއްވާފައި ވަނީ ޖެންޑަރ މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީއާއި ދެމެދުއެވެ.
މި މަޝްވަރާއާއި ގުޅޭގޮތުން މައުލޫމާތު ދެމުން ޔޫތު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މައިގަނޑު ތިންކަމަކާމެދު މަޝްވަރާކުރެވުނު ކަމަށެވެ. މިގޮތުން މަޝްވަރާކުރެއްވި އެއް ކަމަކީ ޖަމިއްޔާތައް މެދުވެރިކޮށް މުޖުތަމަޢު ބާރުވެރިކުރުމަށް ކުރެވިދާނެ ކަންކަމާއި ޖަމިއްޔާތަކުގެ ދައުރު ފުޅާކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ.
ދެވަނަ ކަމެއްގެ ގޮތުގައި މަޝްވަރާކުރެއްވީ، ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދީގެން، ބައިވެރިވުން އިތުރުކުރުމާއި އިޖުތިމާޢީ ކަންކަމުގައި ޝާމިލުވާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުންނެވެ. އަދި ތިންވަނަކަމަށް ގުޅިގެން މަސައްކަތްކުރާއިރު، އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ވަސީލަތްތައް ފަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރަށްވާފައެވެ.
މި ބައްދަލުވުމުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ ޢާއިޝަތު ޝިހާމް އާއި މިނިސްޓަރ ފޯރ ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހިމް ވަހީދު އަދި ޖަމިއްޔާތަކުގެ ރަޖިސްޓްރަރ އަލީ ޝަކީލް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމަކީ އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމާއި އިޖުތިމާޢީ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރާއި ޖަމިއްޔާތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް ވަރަށް މުހިންމު މަސައްކަތަކަށް ވެގެންދާނެކަމަށް ދެ ވަޒީރުން ވެސް ފާހަގަކުރެއްވިކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!