2025 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން (ޖީ.ޑީ.ޕީ) 8.88 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް)އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުގައި ބުނެފިއެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މާރިޗު މަހާ އަޅާބަލާއިރު 0.4 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ހަފުތާގައި އެމް.ބީ.އެސްއިން ޝާއިޢުކުރި މެއި މަހުގެ ރިޕޯޓުގައި ހިމެނެނީ 2014 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2025 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް އަންދާޒާކުރެވިފައިވާ ޖީ.ޑީ.ޕީ އެވެ. މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޤައުމީ އުފެއްދުންތެރިކަމަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދީފައިވަނީ ސަރުކާރުގެ އިދާރީ ކަންކަން ހިންގުމުގެ ދާއިރާއިންނާއި، ގޯތިގެދޮރުގެ ވިޔަފާރީގެ ދާއިރާ (ރިއަލް އެސްޓޭޓް) އަދި ފަތުރުވެރިކަމުގެ ދާއިރާއިންނެވެ.
އިޤްތިޞާދީ ދާއިރާތަކުން ޤައުމީ އުފެއްދުންތެރިކަމަށް ހިއްސާކުރާ މިންވަރަށް ބަލާއިރު، 2025 ވަނަ އަހަރުގެ މާރިޗު މަހުގެ ޤައުމީ އުފެއްދުންތެރިކަމަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށް ވާއިރު، އެ ދާއިރާގެ ހިއްސާ 24.1 އިންސައްތައަށް އަރައެވެ.
ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތަކުގެ ދާއިރާއިން ކަމަށްވާއިރު، އެ ދާއިރާގެ ހިއްސާ 13.1 އިންސައްތައަށް އަރައެވެ. ތިންވަނައަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ގޯތިގެދޮރުގެ ވިޔަފާރީގެ ދާއިރާއިން ކަމަށްވާއިރު، އެ ދާއިރާގެ ހިއްސާ 9.0 އިންސައްތައަށް އަރައެވެ.
އެމް.ބީ.އެސްއިން ބުނާގޮތުގައި މަންތްލީ ޖީ.ޑީ.ޕީ އަކީ ޤައުމެއްގެ އިޤްތިޞާދަށް އަންނަ ބަދަލުތައް އަވަސް މިނެއްގައި މަހުން މަހަށް ދައްކުވައިދޭ މިންގަނޑެކެވެ. މި އިންޑިކޭޓަރތަކުން އިޤްތިޞާދުގައި ހިމެނޭ މައިގަނޑު އިންޑަސްޓްރީތަކާއި އިޤްތިޞާދީ ހަރަކާތްތަކަށް އަންނަ ބަދަލުތައް ދައްކުވައިދެއެވެ. އަދި ޤައުމުގެ ސިޔާސަތުތައް ބައްޓަންކުރުމަށާއި ދިރާސާކުރާ ފަރާތްތަކަށް ބޭނުންވާ އިޤްތިޞާދީ މުހިންމު މަޢުލޫމާތު އަވަސް މިނެއްގައި މަންތްލީ ޖީ.ޑީ.ޕީ އިން ފޯރުކޮށްދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!